މާލޭ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފަސް މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 17:49 ހާއިރެވެ. ވަގަށް ނެގި ހަތަރު މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ އެންމެ 50,000 ރުފިޔާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން މިއަދު ބުނިގޮތުގައި، މި މައްސަލައިގައި ދައުވާ ކުރުމަށް މިދިޔަ މަހުގެ 25 ގައި ކޯޓަށް ހުށަހެޅި ފަސް މީހުންނަކީ މ. އޭސިޔާ، އަޙްމަދު ފާރިސްއާއި، ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދާއި، ސ. މީދޫ، މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙްއާއި، ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފްގެ އިތުރުން ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދެވެ.
މި ފަސް މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. މީގެ އިތުރުން، ފާރިސްއާއި ޖަޒީލްއާއި ނޫރުގެ މައްޗަށް، މުދަލަށް ގެއްލުން ދިނުމުގެ ދައުވާއާއި، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ކުރަން ފޮނުވައިފައިވެއެވެ. މި ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
ޕީޖީ އޮފީހުން ވަނީ، ދައުވާ ލިބޭ މީހުންގެ އަތުން ވަގަށް ނެގި ފައިސާ، ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވެސް ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން 1,849 ވައްކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވެއެވެ.
ކޮމެންޓު ފޮނުވާ