އައްޑޫ ފުލައިން ސްކޫލުގެ ދަރިވަރުން "ވާނުވާ" އިން މިންޖު ކޮށްދެވެން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދަޅުވެއްޖެއެވެ.
އައްޑޫ ފްލައިންގ ސްކޫލު ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލެއް ނުހޯދި، މައްސަލަ ބޮއްސުންލާފައިވާއިރު، މިމައްސަލައިގެ ޒިންމާ އުފުލުއްލަވާ ޓްރާސްޕޯޓް މިނިސްޓްރީ ތެރޭގައިވެސް ވަނީ ބައިބައިވުން އުފެދިފައެވެ. މިނިސްޓަރާއި ސްޓޭޓް މިނިސްޓަރ ބޮޑު ކޯޅުމެއްގައި އުޅުއްވާއިރު، މިމައްސަލައަށް ހައްލެއް ނައުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. މިމައްސަލާގައި ނަސީމް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ "ވާނުވާ"ގައި ތިބެންޖެހުމުން ހުރި ވޭނާއި ކެކުޅުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް މިއަދު ސާފުވާނެކަމަށެވެ. މިކަން ތަޖުރިބާ ކުރެވޭ ހާލު އައްޑޫ ފުލައިން ސްކޫލުގައި މިހާރު ވާނުވާގައި ތިއްބެވި ތައުލީމު ހާސިލް ކުރާ ދަރިވަރުން ވާނުވާއިން މިންޖުކޮށްދެވެން ޖެހޭކަމުގައި ނަސީމް ވިދާޅުވިއެވެ.
"ވާނުވާ" ގައި ތިބެންޖެހުމުގެ ވޭނާއި ހިތްދަތިކަން ދިވެހި ދައުލަތުގެ އިސްވެރީންނަށާއި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުންނަށް އެނގި ވަޑައިގަންނަވާނެ! އައްޑޫ ފުލައިން ސްކޫލުގެ ދަރިވަރުން "ވާނުވާ" އިން މިންޖު ކޮށްދެވެން އެބަޖެހޭ!
– ނަސީމް ވިދާޅުވިއެވެ.
އައްޑޫ ފްލައިންގ ސްކޫލު ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެ ދަރިވަރުންނަށް ބޭރު ގައުމެއްގެ ފްލައިން ސްކޫލަކުން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ދާދިފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ.
އައްޑޫ ފްލައިންގް ސްކޫލްގައި މިވަގުތުވެސް 170 އަށްވުރެ ގިނަ ކުދިން ކިޔަވަމުންދެއެވެ. ނަމަވެސް އެކުދިންނަށް ތަމްރީން ދިނުމުގައި ހަރަކާތްތެރިވަނީ 12 އިންސްޓްރަކްޓަރުންނެވެ.
އައްޑޫ ފްލައިން ސްކޫލު މައްސަލައަށް ހައްލު އައުން ލަސްވެފައިވަނީ އެ ސްކޫލުގެ މެނޭޖުމަންޓާއި ޓާރާސްޕޯޓް މިނިސްޓްރީއާއި އޮތް ގާތް ގުޅުމުންކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެވެއެވެ. ޚާއްސަކޮށް ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރުގެ އާއިލީ މަސްލަހަތު މިކަމުގައި ވަރަށްބޮޑަށް އެކުލެވޭކަން ޚަބަރު އޮންލައިނަށް ލިބިފައިވާ މައުލޫމާތުތަކުން ވަރަށް ބޮޑަށް ކަށަވަރު ކުރެވެއެވެ. ފްލައިން ސްކޫލުގެ މައްސަލާގައި ފިޔަވަޅު އަޅުއްވާނެކަމަށް މިނިސްޓްރީން ވިދާޅުވި ނަމަވެސް މިހާތަނަށް އަމަލީ އެއްވެސް ފިޔަވަޅެއް ނާޅުއްވާކަމީ މިކަމުގައި ގިނަ ބަޔެއްގެ ކަންބޮޑުވުން ފާޅުކުރާ އެއްސަބަބެވެ.
ކޮމެންޓު ފޮނުވާ