ޑެޕިއުޓީ މިނިސްޓަރު މަގާމުން ވަކިކޮށްފި

ޑެޕިއުޓީ މިނިސްޓަރު މަގާމުން ވަކިކޮށްފި

Author
އަހުމަދު
11 ޖުލައި 2026 12:13
0

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުން ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައި، ގިނަ ބައެއްގެ އަތުން މިލިއަނުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީން މަގާމުން ވަކިކޮށްފި އެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) "އަދަދު" އަށް ވިދާޅުވީ، ޔަސީންގެ މައްސަލަ މީޑިއާގައި ފެންމަތިވުމާ ގުޅިގެން، އެ މައްސަލަ ބެލުމަށްފަހު އޭނާ ދުރުކުރަން ސަރުކާރުން ނިންމީ ކަމަށެވެ. ޔަސީނާ ގުޅޭ ތަހުގީގެއް ފުލުހުން ވެސް ދަނީ ހިންގަމުން ނަމަވެސް، މި މައްސަލަ ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ރަސްމީކޮށް ހުށަހަޅާފައެއް އަދި ނުވެ އެވެ.

"އަދަދު" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޔަސީންގެ ޝިކާރައަކަށްވީ ހަމައެކަނި އާންމުންނެއް ނޫނެވެ. ފިޝަރީޒް މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި، ދައުލަތުގެ ބައެއް ފަނޑިޔާރުންގެ އަތުން ވެސް ސަރުކާރުގެ ސްކީމުތަކުން ފްލެޓާއި ގޯތި ޔަގީންކޮށްދޭނެ ކަމަށް ބުނެ އޭނާ ފައިސާ ނަގާފައި ވެއެވެ.

ފްލެޓު ހޯދައިދޭނެ ކަމަށް ބުނެ އެއް މީހެއްގެ އަތުން ދެ ލައްކަ ރުފިޔާ އާއި ހަތަރު ލައްކަ ރުފިޔާއާ ދެމެދުގެ އަދަދުތައް އޭނާ ހޯދި އިރު، ގޯތި ދޭނެ ކަމަށް ބުނެ ބައެއް މީހުންގެ އަތުން ތިން މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ހޯދި ކަމަށްވެސް އެނޫހުން ރިޕޯޓު ކޮށްފައި ވެއެވެ.

އޮޅުވާލައިގެން ޔަސީން ޖުމްލަ ހޯދާފައިވާ ފައިސާގެ އަދަދު 25 މިލިއަން ރުފިޔާއަށްވުރެ ވެސް މައްޗަށް އަރާނެ ކަމަށްވެސް ބުނެފައު ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.