ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ފްރާންސާ ދެކޮޅަށް ނުކުތުމުގެ ކުރިން، ބިރުގަންނަންޖެހޭ ބަޔަކީ ފްރާންސް ކަމަށާއި ސްޕެއިން ޓީމުގައި އެއްވެސް ކަހަލަ ބިރެއް ނެތްކަމަށް ބުނެ، އެ ޓީމުގެ ޒުވާން ތަރި ލަމީން ޔަމާލް ފްރާންސަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދީފިއެވެ.
ބެލްޖިއަމް އަތުން 2-1 އިން ސްޕެއިން ކުއާޓާ ފައިނަލް ކާމިޔާބުކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޔަމާލް ބުނީ، ފާއިތުވި ދެ ފަހަރުވެސް ފްރާންސް ބަލިކުރި ޓީމަކީ ސްޕެއިން ކަމަށާއި، އެހެންކަމުން މި ފަހަރުވެސް ޖެހިލުންވާންޖެހޭނީ ފްރާންސުން ކަމަށެވެ.
"ފްރާންސް ބިރުގަންނަންޖެހޭ ބަޔަކު ތިބިނަމަ، އެއީ އަހަރެމެން. އަހަރެމެން ދެ ފަހަރެއްގެ މަތިން އެ މީހުން ބަލިކޮށްފިން،" 18 އަހަރުގެ ޔަމާލް ބުންޏެވެ.
ޔަމާލްގެ މި ވާހަކައިގައި އޭނާ އިޝާރާތްކުރީ ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި މި ދެ ޓީމު ބައްދަލުކުރި ދެ މެޗަށެވެ. ޔޫރޯ 2024 ގެ ސެމީ ފައިނަލްގައި 2-1 އިން ފްރާންސް ބަލިކުރުމަށްފަހު، މި އަހަރުގެ ކުރީކޮޅު ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅުނު ފޯރިގަދަ މެޗު ސްޕެއިން ކާމިޔާބުކުރީ 5-4 އިންނެވެ.
ކޯޗު ލުއިސް ޑި ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅޭ ސްޕެއިން މި ފަހަރުގެ ވޯލްޑް ކަޕަށް އައިސްފައިވަނީ ފުރިހަމަ ފޯމެއްގައެވެ. ގްރޫޕް ސްޓޭޖުގައި ގްރޫޕް އެޗްގެ އެއްވަނަ ހޯދުމަށްފަހު، ގަދަ 32 ގައި އޮސްޓްރިއާ 3-0 އިން ސްޕެއިން ބަލިކުރިއެވެ. އަދި ގަދަ 16 ގައި ޕޯޗުގަލްގެ މައްޗަށް 1-0 އިން ކުރި ހޯދުމަށްފަހު، ކުއާޓާގައި ބެލްޖިއަމް ބަލިކުރީ ފަހު ވަގުތު މިކޭލް މެރީނޯ ޖެހި ލަނޑުންނެވެ.
ޑިޑިއޭ ޑެޝޯމްޕްގެ ކޯޗުކަމުގައި ސެމީ ފައިނަލަށް ދަތުރުކުރި ފްރާންސުން ވަނީ ސްވިޑަން، ޕެރަގުއޭ އަދި މޮރޮކޯގެ މައްޗަށް ކުރި ހޯދާފައެވެ. ސްކޮޑުގެ ފުންމިނަށް ބަލާއިރު މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމަކީ ފްރާންސެވެ.
އަންގާރަ ދުވަހު ކުޅޭ މި މެޗުން މޮޅުވާ ޓީމަކަށް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ލިބޭނެއެވެ. ސްޕެއިނުން މަސައްކަތްކުރަނީ ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލުމަށް ކަމަށްވާއިރު، ފްރާންސް ނުކުންނާނީ ތިންވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައެވެ.
ކޮމެންޓު ފޮނުވާ