މާލޭގެ ތަރައްގީއަށް މާލޭ ސިޓީގެ 1.5 ބިލިއަން ރުފިޔާގެ ބިޔަ ޕްލޭނެއް

މާލޭގެ ތަރައްގީއަށް މާލޭ ސިޓީގެ 1.5 ބިލިއަން ރުފިޔާގެ ބިޔަ ޕްލޭނެއް

Author
އަހުމަދު
10 ޖުލައި 2026 11:47
0

މާލެ ސިޓީ ކައުންސިލްގެ ދަށުން ކުރިއަށް އޮތް އަހަރުތަކުގައި މަދުވެގެން 1.5 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިންގަން ނިންމައި، އެ ފައިސާ ޕްރައިވެޓް ސެކްޓާއިން ހޯދާނެ ކަން ކައުންސިލުން ރޭ ހާމަކޮށްފި އެވެ.

ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ކައުންސިލުން ދައްކާލި މެދުރާސްތާގެ ފައިނޭންޝަލް ޕްލޭން، ނުވަތަ ޑިވެލޮޕްމަންޓް ޕްލޭންގައި، ބޮޑެތި މަޝްރޫއުތަކެއްގެ ތަފުސީލު ހިއްސާކުރި އެވެ. އޭގެ ތެރޭގައި ޕާކިން ބިލްޑިންގުތަކާއި ހައުސިން މަޝްރޫއުތަކާއި ލަފާފުރާ ބަނދަރުތަކާއި ޕާކުތަކާއި މައިޒާންތަކާއި ކޮމާޝަލް ބިލްޑިންގުތައް ތަރައްގީކުރުން ހިމެނެ އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން، ރިޒާވް ފަންޑެއް އުފައްދައި، އެ ފަންޑުން އާމްދަނީ އިތުރުވާނެ ދާއިރާތަކަށް އިންވެސްޓު ކުރާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ހަމަ އެއާއެކު، ކައުންސިލްގެ ބިންތަކާއި އިމާރާތްތައް ކުއްޔަށް ދޫކުރުމަށް ސާފު "ބޭސް ރޭޓް ފްރޭމްވޯކެއް" އެކުލަވައިލައި ތަންފީޒުކުރަން ވެސް ވަނީ ނިންމައިފަ އެވެ.

އެއް ފަރާތުން އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރާ އިރު، އަނެއް ފަރާތުން ކައުންސިލްގެ ހޭދަ ކުޑަކުރުމަށް ވެސް ގިނަ ފިޔަވަޅުތަކެއް ވަނީ ތާވަލުކޮށްފަ އެވެ. ކަރަންޓު ބިލަށް އަރާ ބޮޑު އަދަދު ތިރިކުރުމަށް، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އިންވެސްޓު ކުރުމަކީ ޕްލޭންގައި ހިމެނޭ މުހިންމު ބައެކެވެ.

ބަޖެޓާ އަޅާ ބަލާއިރު އިދާރީ ހިންގުމުގެ ހަރަދު އަހަރުން އަހަރަށް އިތުރުވަމުން ދާތީ، "ޑިޖިޓަލް-ފަސްޓް" ސިޔާސަތެއް ގެންގުޅެން ފަށާނެ ކަމަށާއި، މިހާރު އެކި އިމާރާތްތަކުގައި ހިންގާ ކައުންސިލްގެ އޮފީސްތައް އެއް ފުރާޅެއްގެ ދަށަށް ޖަމާކުރާނެ ކަމަށް ވެސް ބުންޏެވެ. ތަކެތި ހޯދުމުގައި ވެސް، އަގުހެޔޮކުރުމުގެ ބޭނުމުގައި ގަނޑުކޮށް ޕްރޮކިއުމަންޓު ކުރާ ގޮތަށް ބަދަލުވާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.