ދަރިވަރުންނަށް ޒަމާނީ ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށް ސަރުކާރުން ފެށި "ވިލުންވެށި" ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފުޅާކުރަން ނިންމައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ޕްރޮގްރާމަކީ ހަމައެކަނި މާލޭގެ ސްކޫލްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫން ކަމަށާއި، ރާއްޖޭގެ ކޮންމެ ސްކޫލަކަށްވެސް މި ފުރުޞަތު ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ އަޒުމެއް ކަމަށެވެ.
ވަޒީރު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ކާނާގެ ރައްކާތެރިކަމާއި މޫސުމީ ބަދަލުތަކާ ބެހޭގޮތުން ދަރިވަރުންނަށް ކްލާސްރޫމުގައި ކިޔަވައިދިން ނަމަވެސް، އެ ފިލާވަޅުތައް އަމަލީގޮތުން ތަޖުރިބާކުރެވޭނެ ވަސީލަތްތައް ސްކޫލްތަކުގައި މިހާތަނަށް ނެތުމަކީ މުދައްރިސުންގެ ބޮޑު ކަންބޮޑުވުމެކެވެ. "ވިލުންވެށި" ޕްރޮގްރާމުގެ ދަށުން، ފޮތުގައި ހުންނަ މަޢުލޫމާތު ގަހަށާއި ފެނަށާއި ފަސްގަނޑަށް ބަދަލުވެ، ދަނޑުވެރިކަމަކީ ރާއްޖޭގެ މުސްތަގުބަލަށް ކިހާ މުހިންމު ދާއިރާއެއްކަން ދަރިވަރުން ގަބޫލުކުރާނެ ކަމަށް ވަޒީރު އުއްމީދު ކުރައްވައެވެ.
މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ނަމޫނާ ބަގީޗާ ގާއިމުކުރީ ހިރިޔާ ސްކޫލުގައެވެ. "ގާޑަން އޮފް ގްރޯތް"ގެ ނަން ދީފައިވާ މި ބަގީޗާގައި، ފަތްޕިލާވެލި ހެއްދުމަށް ބޭނުންކުރާ ހައިޑްރޯޕޯނިކް ޔުނިޓްތަކާއި، މޭވާ ހެއްދުމަށް ހާއްސަ ސަރަހައްދުތަކާއި، ފެން އިސްރާފުވުން ކުޑަކުރުމުގެ ގޮތުން ވާރޭފެން ރައްކާކޮށްގެން ދަނޑަށް ފެންދެވޭ ނިޒާމެއް ވަނީ ހަރުކޮށްފައެވެ. މީގެ އިތުރުން، ގްރީންހައުސްތަކާއި، ހޮރިޒޮންޓަލް އަދި ވާޓިކަލް ފާމިންގ ފަދަ ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް ދަރިވަރުންނަށް ދަސްވެގެންދާނެއެވެ.
"ވިލުންވެށި" އަކީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި އެގްރިކަލްޗަރ މިނިސްޓްރީ ގުޅިގެން ހިންގާ "އެންހާންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީސީއާރުއެފްއެސް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. ސްކޫލްތަކުގައި ޕްރޮގްރާމް ތަންފީޒުކުރުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ