އެމެރިކާއާއި އީރާނާ ދެމެދު ގާއިމުކުރި ސުލްހައިގެ އެއްބަސްވުން ނިމުމަކަށް އަތުވެއްޖެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެކެއް އިންސައްތަ މައްޗަށް ގޮސްފިއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު އޭޝިއާގެ ބާޒާރު ހުޅުވުމާއެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 78.80 ޑޮލަރު (59.54 ޕައުންޑް) އަށް އުފުލިފައިވާއިރު، އެމެރިކާގެ ބާޒާރުގައި ވިޔަފާރިކުރާ ތެލުގެ ފީފާއެއްގެ އަގުވެސް ވަނީ އެއް އިންސައްތަ އުފުލި 74.30 ޑޮލަރަށް އަރާފައެވެ. މިއީ ޖޫން މަހުގެ މެދުތެރޭގައި ދެ ގައުމުގެ ދެމެދު ވަގުތީ ސުލްހައިގެ އެއްބަސްވުމެއް އިއުލާންކުރުމުގެ ކުރިން ތެލުގެ އަގުތައް ހުރި މިންވަރާ ގާތްކުރާ އަދަދެކެވެ.
މާކެޓް ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި ފަހަރު އަގުތައް އުފުލެން ދިމާވި މައިގަނޑު ސަބަބަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދޭ ހަމަލާތައް އިތުރުވަމުންދިޔުމެވެ. ދުނިޔެއަށް ބޭނުންވާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި ކަނޑުއޮޅި ބަންދުވެއްޖެ ނަމަ، މެދުއިރުމަތިން ފޯރުކޮށްދޭ ހަކަތައިގެ ސަޕްލައި މުޅިން ހުއްޓުމަކަށް އައުމުގެ ފުރުސަތު ބޮޑުކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ޓްރަމްޕް ބުދަ ދުވަހު ވިދާޅުވީ އީރާނުން އެއްބަސްވުމުގެ ޝަރުތުތަކަށް އަމަލުނުކުރާ ކަމަށާއި، އެހެންކަމުން ދެން އެ އެއްބަސްވުމުގައި ބެހެއްޓޭނެ ފައިދާއެއް ނެތް ކަމަށެވެ. ޓްރަމްޕްގެ މި ބަޔާނަށްފަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާތައް ދޭން ފަށާފައެވެ. ރައްދުގައި އީރާނުން ވަނީ ކުވެއިތާއި ބަހްރައިން އަދި އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދޭން ފަށާފައެވެ.
އަގުތައް މައްޗަށް ދިޔަ ނަމަވެސް، ފުރަތަމަ ދެ ގައުމުގެ ދެމެދު ހަނގުރާމައިގެ ކުރީކޮޅު ތެލުގެ ފީފާއެއްގެ އަގު 120 ޑޮލަރާ ގާތްކުރި މިންވަރާ އަޅާބަލާއިރު، މިހާރުގެ އަގުތައް އަދިވެސް ހުރީ އެއަށްވުރެ ދަށުގައެވެ. ނަމަވެސް ހަނގުރާމަ އިތުރަށް ފުޅާވެ، ހުރްމުޒް ކަނޑުއޮޅި ބަންދުވެއްޖެ ނަމަ، ދާދި އަވަހަށް އަގުތައް ރެކޯޑް މިންވަރަކަށް އުފުލިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ހަކަތައާ ބެހޭ ޖަމާއަތްތަކުން ދަނީ ދެމުންނެވެ.
ކޮމެންޓު ފޮނުވާ