ޚާމަނާއީގެ ޖަނާޒާގައި ބައިވެރިނުވެވުނު ސަބަބު ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފި

ޚާމަނާއީގެ ޖަނާޒާގައި ބައިވެރިނުވެވުނު ސަބަބު ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފި

Author
އަހުމަދު
08 ޖުލައި 2026 09:16
0

އީރާނުގެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ބޭއްވުނު ރަސްމީ ޖަނާޒާގައި ރާއްޖެއިން ބައިވެރިވެވަޑައިނުގަނެވުނީ، އީރާނުން ފަހުވަގުތު ޕްރޮޓޮކޯލްއަށް ބަދަލު ގެނައުމުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޚާމަނާއީގެ ރަސްމީ ޖަނާޒާ 3 ޖުލައި ގައި ބޭއްވުމަށް ހަމަޖެއްސުމާއެކު، އެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރަށް ދަޢުވަތު ލިބުނު ކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނީ، ސަޢުދީ އަރަބިއްޔާއަށާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު، އަލްފާޟިލް އަޙްމަދު ސަރީރު ކަމަށް އީރާން ސަރުކާރަށް ރަސްމީކޮށް އެންގުނު ކަމުގައިވެސް ބުނެފައިވެއެވެ.

ނަމަވެސް، ސަފީރު ޖަނާޒާއަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް، ބޭރު ޤައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމުކުރެވިފައިވާ ގޮތުން ސަފީރުންގެ ފެންވަރުގައި ބައިވެރިވެވަޑައިނުގަނެވޭނެ ކަމަށް އީރާން އެމްބަސީން އެންގި އެވެ. މި ބަދަލާއެކު، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ އިންތިޒާމުތައް ސަރުކާރުން ފެއްޓެވި ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، ތެހްރާނަށް ދިއުމަށް ފްލައިޓްތަކަށް ހުއްދަދެވޭ ސުންގަޑި ކައިރިވެފައި ވުމާއެކު، ސްޓޭޓް މިނިސްޓަރު ރާއްޖެއިން ފުރާވަޑައިގެން ތެހްރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމުމަށްފަހު ކަމުގައި ވުމުން، އެ ދަތުރު އެ ވަގުތު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާރީޚެއްގައި ސަރުކާރުގެ އިސް ބޭފުޅަކު އީރާނަށް ޒިޔާރަތްކުރެއްވުމަށް އީރާން އެމްބަސީން ލަފާދެއްވި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. މީގެއިތުރުން، ސްޓޭޓް މިނިސްޓަރެއް ޖަނާޒާގައި ބައިވެރިކުރެއްވުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމުމަށް އީރާން ސަރުކާރުން ޝުކުރު އަދާކުރެއްވި ކަމަށްވެސް ބުނެފައިވެއެވެ.

ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ފޮރިން މިނިސްޓަރު ވަނީ އީރާނުގެ ފޮރިން މިނިސްޓަރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައި ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.