ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް؛ ބަލި ކޮންޓްރޯލްކުރެވޭ ގޮތެއް ނުވޭ

ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް؛ ބަލި ކޮންޓްރޯލްކުރެވޭ ގޮތެއް ނުވޭ

Author
އަހުމަދު
08 ޖުލައި 2026 01:37
0

މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި އެންމެ ފަހުގެ ރިޕޯޓުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފްތާ އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 55 ކޭސް ފެނިފައިވެ އެވެ. މިއާއެކު އަހަރުގެ މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 121 އަށް އަރައިފަ އެވެ.

ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި މިހާތަނަށް 5،495 މީހަކަށް ވެކްސިން ދީފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެ އެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން، ކަނޑައެޅިފައިވާ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވި މީހުންނަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެ އެވެ. މާލެ ސަރަހައްދުގައި އާންމުކޮށް ވެކްސިން ދޭ މަރުކަޒުތަކުގެ ތެރޭގައި ޔޫޕީއެޗްސީސީ (ހެނދުނު 8:30އިން 12އަށް)، ހުޅުމާލެ ހޮސްޕިޓަލް (ހެނދުނު 9އިން 11އަށް އަދި މެންދުރު 1އިން 3އަށް)، ސެނަހިޔާ ހޮސްޕިޓަލް (ހެނދުނު 10އިން ހަވީރު 4އަށް) އަދި ވިލިމާލެ ހޮސްޕިޓަލް (މެންދުރު 1:30އިން 3:30އަށް) ހިމެނެ އެވެ. ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި މީހުންނަށް ޔޫޕީއެޗްސީސީ (މެންދުރު 2އިން 3:30އަށް) އަދި ހުޅުމާލެ ހޮސްޕިޓަލް (ހަވީރު 3އިން 4އަށް) އިން ވެކްސިން ލިބޭނެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދުނިޔޭގައި މިވަގުތު އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ މިހާރު ވަނީ ހިމެނިފަ އެވެ. ކުރިން ރާއްޖެއިން ނައްތާލާފައިވާ މި ބަލި އަލުން ފެންނަން ފެށީ މިދިޔަ މޭ މަހުގެ މެދު ތެރޭގަ އެވެ. އޭގެ ފަހުން ބަލި އަންނަނީ ފެތުރެމުންނެވެ.

ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ 20،000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މިދިޔަ މަހުގެ 18 ގައި ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ހިމަބިއްސަށް ޖަހާ އެމްއާރު ވެކްސިން ރާއްޖެއަށް ތައާރަފުކުރީ 1983 ވަނަ އަހަރު އެވެ. އަދި 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. ނަމަވެސް އޭގެ ފަހުންވެސް އެކިފަހަރު މަތިން ބަލި ފެނިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.