ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 72 އަށް އަރައިފިކަން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ. ފައިސަލް ހާމަކުރައްވައިފިއެވެ.
ޑރ. ފައިސަލް ވިދާޅުވި ގޮތުގައި، މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 4 ކުޑަކުދިންނާއި ގިނަ އަދަދެއްގެ ޒުވާނުންނެވެ. މިކަމާ ގުޅިގެން، އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒު ވީހާވެސް އަވަހަކަށް ފުރިހަމަ ކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މި އަދަދުތައް ޑރ. ފައިސަލް ހާމަކުރެއްވި ނަމަވެސް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މި ފަހުގެ ތަފާސްހިސާބުތައް އަދި ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ. އެޗްޕީއޭއިން އެންމެ ފަހުން މައުލޫމާތު އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ އިދާރާއިން އޭރު ބުނެފައިވާ ގޮތުގައި މިއަހަރުގެ އެ މުއްދަތާ ހަމައަށް 66 މީހަކަށް ހިމަބިހި ޖެހިފައިވާއިރު، އޭގެ ތެރެއިން 44 މީހުންނަކީ މާލެ ސަރަހައްދުން ބައްޔަށް ފައްސިވި މީހުންނެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް ނަސޭހަތްތެރިވެފައެވެ.
ކޮމެންޓު ފޮނުވާ