ރާއްޖޭގައި ހިމަބިހި ހަލުވިކަމާއެކު ފެތުރެން ފަށައިފި، ކޭސްތަކުގެ އަދަދު 72 އަށް

ރާއްޖޭގައި ހިމަބިހި ހަލުވިކަމާއެކު ފެތުރެން ފަށައިފި، ކޭސްތަކުގެ އަދަދު 72 އަށް

Author
އަހުމަދު
05 ޖުލައި 2026 12:10
0

މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައި އޮތް ހިމަބިހި އަނެއްކާވެސް ފެތުރެން ފަށައި، މިހާތަނަށް 72 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިއްޖެއެވެ.

މި ސަރަހައްދަށް ބަލާއިރު ބަންގްލަދޭޝް އަދި އިންޑިއާއަށްފަހު ތިންވަނައަށް އެންމެ ހަލުވިކަމާއެކު މި ބަލި މިހާރު ފެތުރެމުންދަނީ ރާއްޖޭގައެވެ. މިދިޔަ މަހުގެ ކުރީކޮޅު ރާއްޖެއިން ބޭރުން އައި ބައެއްގެ ފަރާތުން ފުރަތަމަ ފެނުނު މި ބަލި، މިހާރު އަންނަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ. މިއީ ބަލި ނައްތާލިފަހުން މިހާ ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ ހިމަބިހި ޖެހުނު ފުރަތަމަ ފަހަރެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި، ބަލި ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނެވެ. މިހާތަނަށް ފެނުނު ކޭސްތަކުގެ ތެރޭގައި ހިމެނެނީ އެންމެ ހަތަރު ކުޑަކުދިންނެވެ. އެހެންކަމުން އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން އެމްއެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖެއަށް މަސައްކަތްކުރަން އަންނަ ބިދޭސީންނަށް ވިސާ ދިނުމުގެ ކުރިން ވެކްސިން ޖަހާފައިވޭތޯ ކަށަވަރުކުރުމާއި ފަތުރުވެރިންގެ ފަރާތުން ފެންނަ އަލާމާތްތަކަށް ސަމާލުވުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ރޯގާޖެހުން، ކެއްސުން، ލޯ ރަތްވުން އަދި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. މިއީ ވައިގެ ޒަރީއާއިން ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވާތީ، އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އަންގާފައެވެ. އަދި ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމުގެ އިތުރުން ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.