މަސައްކަތް ކުރަނީ ރާއްޖޭގެ އިގްތިސާދުގެ އަލުން ކޮޅަށްޖެހުމަށް

މަސައްކަތް ކުރަނީ ރާއްޖޭގެ އިގްތިސާދުގެ އަލުން ކޮޅަށްޖެހުމަށް

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2021 04:21
0

ކޯވިޑް-19 އައި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް ކުރާ މަސައްކަތުގައި ދެވެން އޮތް އެހީތެރިކަމެއް ދެއްވުމަށް ކަމުގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަންގް ލިޒޯން މިއަދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވިއިރު ޗައިނާ ސަފީރު ވަނީ އެއާޕޯޓުގައި ޗައިނާއިން ކުރަމުންދާ މަސައްކަތަކާއި، އެނޫން މަޝްރޫޢުތަކުގެ މައުލޫމާތު ރައީސަށް ދެއްވާފައެވެ. ރައީސްއާއި ދެކެވުނު ވާހަކަތައްއ ޚުލާސާ ކުރައްވައި ސަފީރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޯވިޑްގެ-19 އާއި ގުޅިގެން ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގި މަޝްރޫޢުތަކަށް ކުޑަ މެދު ކެޑުމެއް އައިނަމަވެސް މިހާރު އަނެއްކާވެސް މަޝްރޫޢުތަކުގެ މަސައްކަތް ފަށައި، ވީހާވެސް އަވަހަކަށް އެކަންކަން ނިންމުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ރާއްޖެއިން ދެމުން އަންނަ އެއްބާރުލުމުގެ ސަބަބުން ބީޔޫސީޖީ އާއި ޗައިނާގެ އެހެން ކުންފުނިތަކުން މި ވަނީ މި ދަތިކަމުގެ ތެރޭގައި ވެސް އަލުން މަސައްކަތް ފަށާފައި. މިއީ ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދެވޭ އެހީތެރިކަމަކަށް ވާނެ.

– ޗައިނާ ސަފީރު ވިދާޅުވެފައިވެއެވެ.

އެއާރޕޯޓް ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެބޮޑެތި މަޝްރޫޢުތައް ހިންގަމުން ގެންދަނީ ޗައިނާގެ ކުންފުނިތަކުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްޤީ ކުރަންފެށި އެއާޕޯޓް މަޝްރޫޢުގެ ގިނަމަސައްކަތްތަކެއް ނިމުމަކާއި ގާތްވެފައިވާއިރު، އެޕާޕޯޓަށް މިގެންނަ ބޮޑު ބަދަލުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުން ލިބިފގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޗައިނާއިން ރާއްޖޭގެ ތަރައްޤީގައި ގިނަ އެހީތަކެއް ފޯރުކޮށް ދެމުންދިޔަ ނަމަވެސް މިސަރުކާރު ވެރިކަމަށް އައުމަށްފަހު ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެ ސަރުކާރަށް ނިސްބަތްވާ އިސްބޭފުޅުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ޗައިނާއަށް އެންމެބޮޑަށް ފާދުވިދާޅުވެ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވަނީ ނިމިދިޔަ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ސަލާމަތްވާނެ ނެތްކަމަށް ވިދާޅުވެ އެކި ފަހަރުމަތީން ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.