ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި ނަމަވެސް، ދެން އެމަނިކުފާނު ޖަލަށް ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ތެރެއިން ބަޔަކު އެމަނިކުފާނު ޖަލަށްލައިގެން ވެރިކަން ދަމަހައްޓަން ރާވަމުންދާ ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ދެން އުފެދޭނީ ޕީއެންއެފްގެ ވެރިކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށާއި އަދި ޖަލު ހުކުމެއް އަންނާނެ ކަމަށް ބުނެ ސަރުކާރުގެ އިސް ފަރާތްތަކުން ވާހަކަ ފަތުރަނީ ކައިރީގައި ތިބި އައުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެމަނިކުފާނާ ދެކޮޅަށް ހިންގާ ސިޔާސީ ދައުވާތަކުން ސަލާމަތްވެ، ކޯޓުތަކުން އިންސާފު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ވ. އާރަށް މައްސަލައިގައި ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ޖުލައި 1 ގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު ދަށު ކޯޓުގައި އޮތް އެމަނިކުފާނުގެ ދެ މައްސަލައިގެ ތެރެއިން އެއްވެސް މައްސަލައެއް ސާބިތު ނުކުރެވޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ