ފީފާ ވޯލްޑް ކަޕް 2026 ގައި ސްވިޑެންގެ މައްޗަށް 3-0 އިން ކުރިހޯދައި، ފްރާންސް އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ކަށަވަރުކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މި މެޗުގައި ފްރާންސްއިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކެޕްޓަން ކީލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހައި އެޓީމަށް ލީޑު ނަގައިދީފައެވެ. އޮސްމާން ޑެމްބެލޭގެ އެހީތެރިކަމާއެކު އެމްބާޕޭ މި ލަނޑު ކާމިޔާބުކުރީ 45 ވަނަ މިނެޓުގައެވެ. ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި މައިކަލް އޮލައިސޭ ތަނަވަސްކޮށްދިން ފުރުސަތަކުން ބްރާޑްލޭ ބާކޮލާ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި އޮލައިސޭގެ އެހީތެރިކަމާއެކު އެމްބާޕޭ ވަނީ މެޗުގެ ތިންވަނަ ލަނޑު ޖަހައި ފްރާންސްގެ މޮޅު ޔަގީންކޮށްދީފައެވެ. މިއީ މިފަހަރުގެ މުބާރާތުގައި އެމްބާޕޭ ކާމިޔާބުކުރި ހަވަނަ ލަނޑެވެ.
މި މޮޅާއެކު މުބާރާތުގެ ގަދަ 16 އަށް ފްރާންސް ދަތުރުކޮށްފައިވާއިރު، ދެން އެޓީމު ނުކުންނަން ޖެހޭނީ ޕެރަގުއޭއާ ދެކޮޅަށެވެ. ޕެރަގުއޭއިން ގަދަ 16 ގެ ޖާގައެއް ހޯދީ ޕެނަލްޓީ ޝޫޓްއައުޓްގައި ވަރުގަދަ ޖަރުމަނު ބަލިކުރުމަށްފަހުގައެވެ.
ކޮމެންޓު ފޮނުވާ