ކ. ކާށިދޫގައި މީގެ 14 އަހަރު ކުރިން ފުލުހަކަށް ހަމަލާދީ މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް މަރުގެ ހުކުމް އިއްވާފައިވާ މުހައްމަދު ސަމާހުގެ ފަރާތުން އެ މައްސަލަ އަނެއްކާވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މިއީ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރި ސާޖަންޓް އާދަމް ހަލީމަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ކާށިދޫ ސުވާސާގެ، މުހައްމަދު ސަމާހުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއެކެވެ. ފުލުހުން ބުނާ ގޮތުގައި އާދަމް ހަލީމަށް ސަމާހު ހަމަލާ ދިނީ ގޭ ބަންދުގައި ހުއްޓައި ބޭރަށް ނުކުމެ އުޅެނިކޮށް، އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް ސަމާހުގެ ފަރާތުން ބުނެފައިވަނީ އެ ހަމަލާ ދިނީ މީހަކު މެރުމުގެ ގަސްދުގައި ނޫން ކަމަށެވެ.
މި މައްސަލައިގައި 2013 ވަނަ އަހަރު ކްރިމިނަލް ކޯޓުން ސަމާހު މެރުމަށް ކުރި ހުކުމް ހައިކޯޓުން ދަމަހައްޓާފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފައެވެ. ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ، ހަމަލާދިން ކަމަށް ސަމާހު އެއްބަސްވި ނަމަވެސް، އެއީ މީހަކު މެރުމުގެ ގަސްދުގައި ދިން ހަމަލާއެއް ނޫންކަމަށް އޭނާ ބުނެފައިވާތީ، އިއުތިރާފުގެ ބޭރުން އިތުރު ހެކި ހުރިތޯ ބެލުމަށެވެ. މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހު ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި އޭރު ބަޔާންކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ އެ އެންގުމާ ގުޅިގެން ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށްފަހު، މިދިޔަ އޭޕްރީލް މަހު ވަނީ ސަމާހުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އަނެއްކާވެސް މަރުގެ ހުކުމް އިއްވާފައެވެ. އެ ނިންމުމާ ގުޅިގެން ސަމާހުގެ ފަރާތުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގެ ރަޖިސްޓްރީއަށް ހުށަހަޅައި، އިސްތިއުނާފުގެ މަރުހަލާ އަލުން ފަށާފައެވެ.
ކޮމެންޓު ފޮނުވާ