ސަރުކާރާ ހިޔާލު ތަފާތުވާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ، އެކަމާ ދެކޮޅަށް އެމްޑީޕީން "ވަޒީފާ ބުރާސްފަތި" ގެ ނަމުގައި މާލޭގައި ބޮޑު މުޒާހަރާއެއް ފަށައިފިއެވެ.
މިއީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގަތުމަށް ފަހު ބާއްވާ ފުރަތަމަ ބޮޑު ހަރަކާތެވެ. ރަސްފަންނު ސަރަހައްދުން ފެށި މި މުޒާހަރާގައި އެމަނިކުފާނުގެ އިތުރުން ޕާޓީގެ އިސް ލީޑާޝިޕްގެ ބޭފުޅުންނާއި އެތައް ސަތޭކަ އާންމުންނެއް ދަނީ ބައިވެރިވަމުންނެވެ.
މުޒާހަރާގެ ބައިވެރިންނަށް މަޖީދީ މަގަށް ނުވަދެވޭނެހެން ފުލުހުން ހުރަސްއެޅުމާ ގުޅިގެން، އެ މީހުން މިހާރު ހިނގަމުން ދަނީ އަމީނީ މަގުންނެވެ. އަމީނީ މަގުގެ އެކި ސަރަހައްދުތަކަށް މަޑުކޮށް، ބައިވެރިން އަންނަނީ ސަރުކާރުން ކުރަމުންދާ ގާނޫނާ ހިލާފު ކަންކަމަށް ފާޑުކިޔައި އަޑުއުފުލަމުންނެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދު ނުކުރާ މުވައްޒަފުންނަށް އަމާޒުކޮށް ސަރުކާރުގެ ކުންފުނިތަކާއި (އެސްއޯއީތަކާއި) އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް އަޑުއެފުލުމެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް ސިޔާސީ ސަބަބުތަކާ ހުރެ އެކަނިވެސް 12 މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، ހަތް މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާކަން އެ ޕާޓީން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ