މަޝްހޫރު ތަރި ކާޖޮލް މުޅި ކަރަންޓީނު ހޭދަކޮށްފައިވަނީ އޭނާގެ ފިރީމީހާ އަޖޭ ދޭވްގަން އާއި ދެ ދަރިންނާއެކު ވަގުތު ހޭދަކުރުމުގައެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި ކާޖޮލް ބުނެފައިވަނީ ލޮކްޑައުންގެ ފަހުކޮޅުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ކޮޓަރީގައި ތަޅުލައިގެން އަމިއްލަ ވަގުތުކޮޅެއް ހޭދަކުރާކަމަށެވެ. ކާޖޮލް ބުނިގޮތުގައި ކަރަންޓިނުގެ ވަގުތުތަކަކީ މަންމައަކަށް ވަރަށް މަޖާ ދުވަސްކޮޅެއްކަމަށާއި އޭނާގެ 8 އަހަރުގެ ފިރިހެން ދަރިފުޅު އޮންލައިން ކުލާހުގައި އުޅޭގޮތް ބަލަން ކޮންމެ ދުވަހަކު އޭނާ އާއެކު އިންނަން ޖެހޭކަމަށެވެ.
އަދި ގޭގައި 4 ކޮޓަރި ހުރުމުން ލޮކްޑައުންގެ ފަހުކޮޅަށް އައިސް ކޮންމެ ކޮޓަރިއަކަށް މީހަކު ވަދެ އެމީހަކު އަމިއްލައަށް ވަގުތުކޮޅެއް ހޭދަކުރުމަށް ފަސޭހަވިކަމަށްވެސް ކާޖޮލް ބުންޏެވެ.
ހިންދުސްތާން ޓައިމްސްއަށް ދިން އެހެން އިންޓަވިއުއެއްގައި ކާޖޮލް އޭނާގެ މަންމަ ތަނޫޖާ އާއި އޮތް ގުޅުން ކިޔައި ދެމުން ބުނެފައިވަނީ އޭނާގެ މަންމައާއި އޭނާ އާއި އޮތީ ވަރަށް ގާތްގުޅުމެއް ކަމަށްށާއި ހަޔާތުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް އަބަދުވެސް ވާހަކަ ދައްކާ، ކޮންމެ ކަމެއްވެސް ކާޖޮލް އަށް އެނގޭނެހެން މަންމަ ބުނެދޭ ކަމަށެވެ.
މިއަދު ނެޓްފްލިކްސްއިން ޕްރެމިއަރކުރާ ފިލްމު "ޓްރިބަންގާ" އިން ކާޖަލް ފެނިގެންދާނެއެވެ. ރޭނުކާ ޝަހާނޭގެ މި ފިލްމުގައި ކާޖޮލް އާއެކު ތަންވީ އަޒްމީ އަދި މިތިލާ ޕަލްކާ ފެނިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ