އެމެރިކާ އާއި އީރާނުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެމެރިކާ އާއި އީރާނުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Author
އަހުމަދު
18 ޖޫން 2026 10:17
0

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަމާޒުކޮށް އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވާލި ފަހުމުނާމާ (އެމްއޯޔޫ) ގައި ސޮއިކުރައްވައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރިޔާސީ މޯޓަރކޭޑަށް އަރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "ސޮއިކުރެވިއްޖެ. ވާސޭލްސްގައި ސޮއިކޮށްފިން. ހަމަ ދެންމެ ސޮއިކޮށްފިން" ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، ދެ ގައުމުގެ ރައީސުން ސޮއިކުރެއްވުމާ ގުޅިގެން 14 ނުކުތާގެ މައްޗަށް އެކުލެވޭ އެމްއޯޔޫ ރަސްމީކޮށް ނިމިފައިވާ ކަމަށް އީރާނުން ބުނެފައި ވަނިކޮށެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ބުރާސްފަތި ދުވަހު ވިދާޅުވީ، ތެހެރާނާއި ވޮޝިންޓަނުން ސޮއިކުރުމުން "އިސްލާމްއާބާދު ފަހުމުނާމާ" ފުރިހަމައަށް ރަސްމީވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި އެއްބަސްވުމުގައި ސޮއިކުރާނީ ޑިޖިޓަލްކޮށް ކަމަށާއި، މި ފަހުމުނާމާގެ ދަށުން ކުރެވޭ މަޝްވަރާތައް ހާއްސަކުރެވޭނީ ނިއުކްލިއަރ މައްސަލަތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް ކަމަށެވެ.

ދެ ފަރާތުން 60 ދުވަހުގެ މުއްދަތަށް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާއި، މައްސަލަތަކުގެ އުނދަގޫކަމަށް ބަލައި ބޭނުންވެއްޖެނަމަ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބެއިރޫތުގެ ދެކުނަށް އިސްރާއީލުން ދިން ހަމަލާތަކާއި އީރާނުން ބަދަލުހިފާނެ ކަމުގެ އިންޒާރުތަކާ ގުޅިގެން ބޭއްވި ކުއްލި މަޝްވަރާތަކަށްފަހު، ކަނޑުމަގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން އެމެރިކާއިން ވެފައިވާ ވައުދުތަކަށް އަމަލުކުރަން ފަށާފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އަދި އީރާނުގެ ބޯޓުތައް އެއްވެސް މައްސަލައަކާ ނުލައި ބަނދަރުތަކަށް ވަދެ ނުކުމެ ހަދަމުންދާ ކަމަށާއި، މިއީ އެމެރިކާގެ ވައުދުތައް ފުއްދަން ފަށާފައިވާ ކަމުގެ ނިޝާނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހޯރމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނުން ވެފައިވާ ވައުދުތަކަށް އަމަލުކުރަން ފަށާނީ ފަހުމުނާމާގައި ސޮއިކޮށް ތަންފީޒުކުރަން ފެށުމުން ކަމަށް ބަޣާއީ ވިދާޅުވިއެވެ.

މީގެ އިތުރުން އެމެރިކާގެ އޮފިޝަލަކުވެސް ވަނީ ބުދަ ދުވަހު މި އެމްއޯޔޫގައި ސޮއިކޮށްފައިވާކަން ޔަގީންކޮށްދީފައެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޯސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އާއެކު ވާސޭލްސް ގަނޑުވަރުގައި ބޭއްވި ފަރިއްކޮޅެއްގެ ތެރެއިންނެވެ. އަދި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ފޮޓޯއެއް އީރާނަށާއި މެދުވެރިވި ގައުމުތަކަށް ފޮނުވާފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.