މަޝްހޫރު ވިޔަފާރިވެރިޔާ 'ޑިމްސް' މުހައްމަދު ސޯލިހު، އޭނާގެ އަމިއްލަ ގޯތި ވަގުފު ކުރެއްވުމަށްފަހު ސ. ހުޅުދޫގައި ބިނާކުރެއްވި އާ މިސްކިތް މިއަދު ހުޅުވައިފިއެވެ.
"މަސްޖިދު ޒުލައިހާ މުހައްމަދު" ގެ ނަމުގައި ބިނާކޮށްފައިވާ 200 މީހުންގެ ޖާގައިގެ މި މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ސޯލިހުގެ އާއިލާގެ ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ، މާތް ﷲ އަށްޓަކައި އަމިއްލަ ބިން ވަގުފުކުރައްވައި މިފަދަ ބިނާއެއް އެޅުއްވުމަކީ މިއަދުގެ ޒުވާން ޖީލަށް ދައްކައިދިން ވަރަށް ފުރިހަމަ ނަމޫނާއެއްކަން ފާހަގަކުރައްވާފައެވެ.
މި މިސްކިތް ބިނާކުރެއްވި މުހައްމަދު ސޯލިހަކީ ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާތީ، މިދިޔަ އަހަރު ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ