ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިއަހަރު ޖަމާކުރި ފައިސާ ބިލިއަނަކަށް އަރައިފި

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިއަހަރު ޖަމާކުރި ފައިސާ ބިލިއަނަކަށް އަރައިފި

Author
އަހުމަދު
16 ޖޫން 2026 10:32
0

މިއަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި، ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑަށް ވަނީ އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 934 މިލިއަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.

ފަންޑަށް ފައިސާ ޖަމާކުރުން އިތުރުވެފައިވާއިރު، ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރާ ހޭދަވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ލޯނުތައް އަނބުރާ ދެއްކުމަށް 8.7 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ހޭދަކޮށްފައެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ކުއްލި ހާލަތްތަކުގައާއި، ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް ދިމާވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށް 2016 ވަނަ އަހަރު އުފެއްދި ފަންޑެކެވެ. މަރުކަޒީ ބޭންކުގެ ރިޒާވްއާ މުޅިން ވަކިން ހިންގާ މި ފަންޑަށް ފައިސާ ހޯދަނީ މައިގަނޑު ތިން ގޮތަކުންނެވެ. އެއީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ލިބޭ ޑިވިޑެންޑުގެ އިތުރުން އެއާޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތަކުން ލިބޭ އާމްދަނީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.