ރާއްޖޭގައި މިދުވަސްވަރު ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން ފަދަ ގައިންގަޔަށް އަރާ ބަލިތައް ހަލުވިކަމާއެކު ފެތުރެމުންދާތީ، އާންމު ސާފުތާހިރުކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި މެއި މަހު އެކަނިވެސް ޑެންގީގެ 778 ކޭސް އަދި އަރިދަފުސް ރޯގާގެ 40،457 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ. މީގެ އިތުރުން، މިއަހަރުގެ މިހާތަނަށް ހެދި 1000 އަށްވުރެ ގިނަ ޓެސްޓުގެ ތެރެއިން 680 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.
ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ކެއްސާ ކިނބިހިއަޅާއިރު އަނގަމަތި ނިވާކުރުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް އެ އިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ. ހަމައެއާއެކު، ބޭރަށްހިންގުމާއި ހޮޑުލުން ފަދަ ކަންކަން ދިމާވާނަމަ، ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ލޮނުޕެކެޓާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ވަނީ އަންގާފައެވެ.
ބަލީގެ އަލާމާތްތައް ތިން ދުވަހަށްވުރެ ދިގުލައިގެންދާނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި، މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް ފަރުދީ ގޮތުންނާއި ރަށު ކައުންސިލްތައް ގުޅިގެން މަސައްކަތްކުރުމަކީ މިވަގުތަށް ނުހަނު މުހިންމު ކަމެއްކަން އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ