ކުރިއަށް އޮތް ހުރިހާ އިންތިހާބެއްވެސް ކާމިޔާބުކުރާނީ ޕީއެންސީން: ސަލީމް

ކުރިއަށް އޮތް ހުރިހާ އިންތިހާބެއްވެސް ކާމިޔާބުކުރާނީ ޕީއެންސީން: ސަލީމް

Author
އަހުމަދު
14 ޖޫން 2026 08:32
0

ދ. މީދޫ ކައުންސިލްގެ ރައީސްކަމުގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން، ކުރިއަށް އޮތް ހުރިހާ އިންތިހާބެއްވެސް އެ ޕާޓީން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މީދޫގައި ބޭއްވި ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ވަޑައިގެން ދެއްވި އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ތާއީދު އެބައޮތް ކަމަށެވެ. އަދި މިހާރު ފެންނަ މަންޒަރަށް ބަލާއިރު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް ވަރަށް ފަސޭހަކަމާއެކު ޕީއެންސީން ކާމިޔާބު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވުނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ ވޯޓަށް ކެމްޕެއިން ކުރަންޖެހުމުން ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ. އެހެން ނޫންނަމަ ކައުންސިލްތަކުގެ 80 ޕަސެންޓް މެޖޯރިޓީ އެ ޕާޓީން ނެގީސް ކަމަށާއި، މިހާރު ރާއްޖޭގެ ކޮންމެ ތާކު ބައި-އިލެކްޝަނެއް ބޭއްވި ނަމަވެސް ސަރުކާރުން ކާމިޔާބުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެމްޑީއޭގެ ކޮންޓްރޯލް އޮތް މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް ސުހާ ކާމިޔާބުކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާ ވާދަކޮށް 529 ވޯޓު ހޯއްދަވައިގެންނެވެ. ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ. މި ކާމިޔާބީއާއެކު ދ. މީދޫ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު މިހާރު ވަނީ ޕީއެންސީއަށް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.