ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ހުޅުމާލޭގައި ހިންގަމުންދާ ތެލެސީމިއާ ސެންޓަރަށް މިއަދު ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.
ހުޅުމާލޭ އޮރެންޖު ހިޔާގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއެކު ހިންގާ "ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް" މިއަދު މެންދުރު ކުރެއްވި މި ޒިޔާރަތުގައި، ބަލިމީހުންނާއި ލޭ ހަދިޔާކުރާ މީހުންގެ ވޯޑުތަކުގެ އިތުރުން ލެބޯޓްރީއާއި ޕޭޝަންޓް ކެއަރ ސެންޓަރުގެ ހާލަތު ވަނީ ބައްލަވާލައްވާފައެވެ. އަދި އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސްގެ ދެކަނބަލުން އޮޅުންފިލުއްވިއެވެ.
މި ސަރުކާރުން އަންނަނީ ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާއާއި، މާލީ އެހީތެރިކަން އަދި އެކަމާ ގުޅޭ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެމުންނެވެ. ތެލެސީމިއާ ބަލިމީހުންނާއި އެ އާއިލާތަކަށް ބޭނުންވާ ސިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރުން އަދާކުރާ ޒިންމާގެ މުހިންމުކަން ރައީސް ފާހަގަކުރައްވައެވެ.
މިއަދު އެ ސެންޓަރަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ހެލްތު މިނިސްޓަރު ގީލާ ޢަލީ އާއި މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. މީގެ އިތުރުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ