ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަން ފައްޓަވައިފިއެވެ.
މި ބައްދަލުވުންތައް ކުރިއަށްގެންދަވަނީ ކޮންމެ ބޭފުޅަކާވެސް ވަކިވަކިންނެވެ. އެގޮތުން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި، ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްއާ މިއަދުގެ އެކި ވަގުތުތަކުގައި ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން، އިންތިހާބުގައި އެމަނިކުފާނާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްއާވެސް މިއަދު މެންދުރު 1:00 ގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޕާޓީގެ އިސް ގިނަ ބޭފުޅުންނާ މިއަދު ބައްދަލުކުރެއްވި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަގުތު މާލޭގައި ވަޑައިގެން ނޫޅުއްވާތީ އެމަނިކުފާނާ މިއަދު ބައްދަލުކުރެވޭ ގޮތެއް ނުވެއެވެ. މި ދެބޭފުޅުންގެ ބައްދަލުވުން އޮންނާނީ ރައީސް ސޯލިހު އެނބުރި މާލެ ވަޑައިގަތުމުން ކަމަށް މައުލޫމާތު ލިބެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ރައީސް ނަޝީދު ވަނީ 21،301 ވޯޓު ހޯއްދަވާފައެވެ. ދެވަނައަށް ދިޔަ މީކާއީލްއަށް 9،462 ވޯޓު ލިބިވަޑައިގަތްއިރު، އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް މުހައްމަދަށް ލިބުނީ 132 ވޯޓެވެ. އަދި މި އިންތިހާބުގައި 234 ވޯޓު ވަނީ ބާތިލްވެފައެވެ.
ކޮމެންޓު ފޮނުވާ