މޫސުން ގޯސްވެ ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެ، ރައްކާތެރިވުމަށް ގޮވާލައިފި

މޫސުން ގޯސްވެ ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެ، ރައްކާތެރިވުމަށް ގޮވާލައިފި

Author
އަހުމަދު
12 ޖޫން 2026 03:35
0

މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމާއެކު ވައިގަދަވާނެކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަހައްދަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ. އަދި ވައިގަދަވުމުގެ ސަބަބުން ކަނޑުތައް އާދަޔާޚިލާފަށް ގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މިއީ މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން ނެރުނު ސަމާލެކެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާތީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ގޭގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމަށާއި، ފެންބޮޑުވެއްޖެނަމަ ގެއްލުންވެދާނެ މުދާ ރައްކާތެރި އުސް ތަންތަނަށް ބަދަލުކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން، ބޭނުންނުކުރާ ކަރަންޓު އާލާތްތައް ނިއްވާލުމަށާއި، ވައިގަދަވެ ފުރާޅު އެއްލައިލަފާނެތީ އެކަމަށް ރައްކާތެރިވުމަށްވެސް ވަނީ އަންގާފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ގޮވާލާފައެވެ. ޚާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ރީނދޫ ސަމާލުގެ ވަގުތުގައި ދަތުރުނުކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައިވެސް ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި މުވާސަލާތީ ވަސީލަތްތައް ޗެކްކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

ފެންބޮޑުވުމުގެ ހާދިސާތަކަށް އިޖާބަދިނުމަށް އެންޑީއެމްއޭއާއި ކައުންސިލްތަކުންނާއި އެމްއެންޑީއެފުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޖަޕާނު ސަރުކާރުގެ އެހީގައި ހޯދާފައިވާ ޕަމްޕުތައް ދާދި ފަހުން ވަނީ 10 ކައުންސިލަކާ ހަވާލުކޮށް، ފެން ހިންދުމުގެ މަސައްކަތް އަވަސްކުރަން އިންތިޒާމު ހަމަޖައްސާފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މަގުތަކުގެ ޑްރެއިނޭޖް ނިޒާމުތައް ސާފުކޮށް، ފެން ހިންދުމަށް ކަމާބެހޭ ފަރާތްތަކުން ތިބީ ތައްޔާރީ ހާލަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.