އެމެރިކާއިން އީރާނަށް ދޭން އުޅުނު އަސްކަރީ ހަމަލާތައް މަޑުޖައްސާލުމަށްފަހު، ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމަކާ ވަރަށް ބޮޑަށް ގާތްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފިއެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ބަންދުވެގެންދާނެއެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެހެންނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، އެއްވެސް ކަމެއް އަދި މުޅިން ފައިނަލް ނުވާކަމަށް ބުނެފައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާއިން ދަނީ އާ ޝަރުތުތަކެއް ކުރިމަތިކުރުވަމުންނެވެ. އަދި އީރާނުން ކަނޑައަޅާފައިވާ ރަތް ރޮނގުތަކުން ފަހަތަށް ނުޖެހޭނެކަންވެސް ވަނީ ހާމަކޮށްފައެވެ.
މި އެއްބަސްވުމުގައި ޔޫރަޕްގެ ގައުމެއްގައި ސޮއިކުރެވޭނެ ކަމަށް ބެލެވޭއިރު، މިއާއެކު ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް މުހިންމު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވިގެންދާނެއެވެ. އިސްރާއީލާއި ގަލްފުގެ ގައުމުތަކުން މި މަސައްކަތަށް ތާއީދުކުރާކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އިސްރާއީލުން ވަނީ މި އެއްބަސްވުމުގައި އެ ގައުމު ބައިވެރިނުވާނެކަން ހާމަކޮށްފައެވެ. ފަހަކަށް އައިސް ދެ ގައުމުގެ ދެމެދުގައި ބޮޑެތި އަސްކަރީ ކުރިމަތިލުންތަކެއް ހިނގައި، ސަރަހައްދީ މަސްރަހު ގޯސްވެފައި އޮތުމަށްފަހު، ސުލްހައިގެ ވާހަކަތައް ދެކެވެން ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 4.4 ޕަސެންޓް ދަށަށް ގޮސްފައެވެ.
ކޮމެންޓު ފޮނުވާ