ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ ގަޑިތަކާ މެދު ރައީސްގެ ކަންބޮޑުވުން

ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ ގަޑިތަކާ މެދު ރައީސްގެ ކަންބޮޑުވުން

Author
އަހުމަދު
11 ޖޫން 2026 12:28
0

މިރޭ ފަށާ ފީފާ ވޯލްޑް ކަޕް 2026 ގެ މެޗުތައް ކުޅޭ ގަޑިތަކުގެ ސަބަބުން ހުރިހާ މެޗެއް ނުބެއްލެވޭނެތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރާއްޖެ ގަޑިން މިފަހަރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9 އާއި ހެނދުނު 9 އާ ދެމެދުގައެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ރައީސް ވިދާޅުވީ، މެޗުތައް އޮންނަނީ ދަންވަރާއި ފަތިހު އަދި އޮފީހަށްދާ ގަޑިތަކުގައި ކަމަށްވާތީ ބައެއް މެޗުތައް ގައިމުވެސް ނުބެލޭނެ ކަމަށެވެ. މިއީ ވަޒީފާތަކަށް ދާ އާންމު ރައްޔިތުންނަށްވެސް މެޗުތައް ބަލަން އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އާއެކު ހުންނަވައި ރައީސް ވަނީ މުބާރާތާމެދު އެމަނިކުފާނުގެ އުންމީދުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު އެންމެ ބޮޑަށް ސަޕޯޓުކުރައްވަނީ އާޖެންޓީނާއަށެވެ. އަދި އާޖެންޓީނާއަށް ތަށި ނުލިބިއްޖެނަމަ ދެން އެންމެ ބޭނުންފުޅުވަނީ އިންގްލެންޑަށް ތަށި ލިބުމަށް ކަމުގައި ސަމާސާ ރާގަކަށް ވިދާޅުވިއެވެ. މީގެ އިތުރުން ނެދަލޭންޑްސް ފަދަ ޓީމަކުން ސަޕްރައިޒެއް ދީ، ތަށި ނެގުމަކީވެސް އެކަށީގެންވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ވޯލްޑް ކަޕް ބެލޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް ރައީސް ވަނީ މިނިސްޓަރަށް އިލްތިމާސްކުރައްވާފައެވެ. މިފަހަރުގެ ވޯލްޑް ކަޕް ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާ މެޗުންނެވެ. އަދި މާދަމާ ހެނދުނު 7 ޖަހާއިރު ސައުތު ކޮރެއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު އޮންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.