މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) ގެ ކިބައިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޢާފަށް އެދިވަޑައިގެންފިއެވެ.
މިކަން ހާމަކުރެއްވީ ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. ސަލީމް ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒު އަސްމާގެ ކިބައިން މަޢާފަށް އެދިވަޑައިގަތީ ޕާލިމަންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުންގެ ހާޒިރުގައެވެ.
މިފަދައިން ރައީސް ކަންތައް ކުރައްވާފައި މިވަނީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައި ޕީއެންސީއަށް ވޯޓު ނުދިނުމަށް ބާރުއަޅައި އަސްމާ ދެއްކެވި ކަމަށް ބުނާ އޯޑިއޯއެއް ލީކުވުމާ ގުޅިގެން ޕާޓީގެ ބައެއް ބޭފުޅުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށެވެ.
އެ އޯޑިއޯ ލީކުވި ދުވަސްވަރު، ސަފީރުކަމުގެ މަގާމުގައި ތިއްބެވި އަސްމާގެ ދަރިކަލުން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި ކޮއްކޮ ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރެއްވިއެވެ. ނަމަވެސް އޭގެ ކުޑަދުވަސްކޮޅެއް ފަހުން ޑރ. ސަލްމާގެ މަގާމު އިއާދަކުރައްވައި، މުންދުއަށް ވަނީ މިނިސްޓަރު ފެންވަރުގައި ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމު ހަވާލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ