ރައީސް އޮފީހުގެ މުޝީރުކަމަށް އައްޔަންކުރިތާ އެއް ދުވަސް ތެރޭ އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ މުޝީރުކަމަށް އައްޔަންކުރިތާ އެއް ދުވަސް ތެރޭ އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

Author
އަހުމަދު
09 ޖޫން 2026 08:50
0

ރައީސް އޮފީހުގެ މުޝީރު ކަމުގެ މަގާމަށް އިއްޔެ އައްޔަންކުރެއްވި، ކުރީގެ ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އާދަމް ނަސީރު މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް މިއަދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި މައުލޫމާތެއްގައެވެ. މަގާމާ ހަވާލުވެވަޑައިގަތްތާ އެންމެ ދުވަހެއްގެ ތެރޭގައި އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ ކޮން ފެންވަރެއްގައި ކަންވެސް ރައީސް އޮފީހުން ކުރިން ހާމަކޮށްފައެއް ނުވެއެވެ.

އާދަމް ނަސީރަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އޭޕްރިލް މަހު އިސްތިއުފާ ދެއްވި ބައެއް އެހެން ވަޒީރުންނަށް ވެސް މިހާރު ވަނީ ދައުލަތުގެ މުހިންމު އެހެން އިސް މަގާމުތަކެއް ހަމަޖައްސަވާފައެވެ. އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިނިސްޓަރު ފެންވަރުގައި އަލުން ރައީސް އޮފީހުގެ ހާއްސަ މަގާމަކަށް އައްޔަންކުރައްވާފައިވާއިރު، ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ގަތަރަށް ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި އަދި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ޔޫއޭއީގެ ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.