ބީއެމްއެލްގެ ކްރެޑިޓް ކާޑުގެ ދަރަނި ނުދެއްކި މީހަކު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން އަންގައިފި

ބީއެމްއެލްގެ ކްރެޑިޓް ކާޑުގެ ދަރަނި ނުދެއްކި މީހަކު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން އަންގައިފި

Author
އަހުމަދު
07 ޖޫން 2026 08:49
0

ސިވިލް ކޯޓުގެ އަމުރަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި ތ. ތިމަރަފުށީ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި މައްސަލައިގައި ހޯދަމުންދަނީ ތ. ތިމަރަފުށި، އިރުދޭމާގެ، އުމުރުން 44 އަހަރުގެ އިސްމާޢީލް މޫސާއެވެ. އޭނާ ހޯދަމުންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުނުވުމުންނެވެ.

މި މައްސަލައިގެ ފެށުމަށް ބަލާއިރު، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް އޭނާ ދައްކަންޖެހޭ އަދަދަކީ 24,376.68 ރުފިޔާއެވެ. އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް ކޯޓުން އޭރު އަމުރުކުރި ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް އޭނާ އަމަލުކޮށްފައެއް ނުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ޖޫރިމަނާއާއި އިންޓްރެސްޓާއެކު މިދިޔަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް އެ ދަރަނި ވަނީ 84,283.26 ރުފިޔާއަށް ބޮޑުވެފައެވެ.

ދަރަނި އަދާކުރުމަށް ބޭންކުން ފަހުން 12 މަސްދުވަހުގެ ފުރުޞަތެއް ދިނުމުން، އެގޮތަށް ފައިސާ ދެއްކުމަށް 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ސިވިލް ކޯޓުން އަލުން ޙުކުމްކުރިއެވެ. ނަމަވެސް އެއާ އެއްގޮތަށްވެސް އަމަލުކޮށްފައި ނުވުމާއި ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން، 8 ޖޫން 2026 ވަނަ ދުވަހު އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް މިހާރު ވަނީ އަމުރުކޮށްފައެވެ. މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައިނުވާތީއާއި އިންޓްރެސްޓް އަރަމުންދާނެތީ، އޭނާގެ ދަރަނި މިހާރު ލައްކައަކާ ގާތްކުރާނެކަމަށް ލަފާކުރެވެއެވެ.

އިސްމާޢީލް މޫސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމުން ދެއްވާ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.