ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ ދޫކޮށްލުމަށްފަހު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ތައްޔާރަށް ތިބިކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ޕީއެންސީގެ މަޖިލިސް މެންބަރަކު އެމަނިކުފާނަށް ގުޅުއްވި ކަމަށެވެ. އަދި އިތުރު މެންބަރުންތަކަކާއެކު ޕާޓީ ދޫކޮށްލައި، ސަރުކާރު ޖަވާބުދާރީ ކުރުވަން ނުކުންނަން ތައްޔާރަށް ތިބިކަން އެ މެންބަރު ހާމަކުރެއްވި ކަމަށް ސޯލިހު ވިދާޅުވިއެވެ.
އެހެންނަމަވެސް، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ހާލަތުގައި، އަލުން އެ ގޮނޑިތައް ހޯދައިދިނުމަށް ސޯލިހުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ގުޅިވަޑައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމަށް އެ މެންބަރުން އެދިވަޑައިގެންނެވި ކަމަށްވެސް ސޯލިހު ފާހަގަކުރެއްވިއެވެ. އެ ޔަގީންކަން ލިބިއްޖެނަމަ އެ މެންބަރުން ތިބީ ސަރުކާރާ ދެކޮޅަށް ތެދުވަން ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސޯލިހު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތިލަފަތް މިހާރު މަޑުމަޑުން ބަރުވަމުން އަންނަ ކަމަށެވެ. އަދި ރައީސް ނަޝީދުވެސް ވިދާޅުވި ފަދައިން، މިއަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބުދާރީ ކުރުވާނެ ކަމަށާއި، އެކަން ނުކުރެވިއްޖެނަމަ ދެން ޖެހިވަޑައިގަންނަވާނީ ވެރިކަން ދޫކުރައްވައި ގެއަށް ވަޑައިގަންނަވަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ