އައްޑޫ ލިންކް ރޯޑް ފުޅާކުރުމުގެ މަސައްކަތަށް 4،120 މީޓަރުގެ ސަރަހައްދެއް ސާފުކޮށްފި

އައްޑޫ ލިންކް ރޯޑް ފުޅާކުރުމުގެ މަސައްކަތަށް 4،120 މީޓަރުގެ ސަރަހައްދެއް ސާފުކޮށްފި

Author
އަހުމަދު
04 ޖޫން 2026 09:46
0

އައްޑޫ ސިޓީގެ ލިންކް ރޯޑު އަލުން ތަރައްޤީކޮށް ފުޅާކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، މިހާތަނަށް 4،100 އަށްވުރެ ގިނަ މީޓަރުގެ ސަރަހައްދެއް ސާފުކޮށްފިއެވެ.

މި މަސައްކަތް ކުރިއަށްގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އިތުރު ލޭންތައް ހެދުމަށްޓަކައި ޖުމްލަ 4،120 މީޓަރުގެ ސަރަޙައްދެއް މިހާރު ވަނީ އެއްކޮށް ސާފުކޮށްފައެވެ. އަދި ތިމާވެއްޓަށް ގެއްލުން ކުޑަވާނެ ގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން، މަގު ހަދާ ސަރަޙައްދުގައި ހުރި ގަސްތަކާއި ރުއްތައް ކަނޑާލުމުގެ ބަދަލުގައި ދަނީ ނަގައިގެން އެހެން ސަރަޙައްދުތަކަށް ބަދަލުކުރަމުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރަސްމީކޮށް އިފްތިތާޙުކޮށްދެއްވި މި މަޝްރޫޢަކީ 2028 ވަނަ އަހަރުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ މަޝްރޫޢެކެވެ. ލިންކް ރޯޑު ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމުގެ ސަބަބުން، އެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ލިންކް ރޯޑުގެ 12.3 ކިލޯމީޓަރުގެ މަގު އަލުން ހަދައި ތަރައްޤީކުރާނެއެވެ. މީގެ އިތުރުން، އައްޑޫގައި ކުރިން ކުރިއަށްގެންދިޔަ މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން ނުނިމި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތައް ހިމެނޭހެން ޖުމްލަ 67.58 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.