އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) އަށް ދޫކޮށްފައިވާ ލޯނެއްގެ ތެރެއިން ނުދައްކާ އޮތް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އެ ކައުންސިލުން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި، އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭޕީސީއަށް ކައުންސިލުން ވަނީ ދެ މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފައެވެ. މި ލޯނުގެ އެއްބަސްވުމުގައިވާ ގޮތުން ފުރަތަމަ 47 މަހު ދައްކަންޖެހެނީ މަހަކު 5,000 ރުފިޔާއެވެ. އަދި 48 ވަނަ މަހު ބާކީ އޮތް ދެ މިލިއަން ފަސް ހާސް ރުފިޔާ އެއްކޮށް ދައްކައި ޚަލާސްކުރަން ޖެހެއެވެ.
ނަމަވެސް އޭޕީސީން ފުރަތަމަ 47 މަހުގެ ފައިސާ (235,000 ރުފިޔާ) ދެއްކުމަށްފަހު، އެންމެ ފަހު މަހު ދައްކަންޖެހޭ ބޮޑު އަދަދުގެ ތެރެއިން ދައްކާފައިވަނީ އެންމެ 5,000 ރުފިޔާއެވެ. ލޯނު އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން، ނުދައްކާ އޮތް ފައިސާގެ މައްޗަށް ކޮންމެ ދުވަހަކަށް 0.01 އިންސައްތައިގެ ޖޫރިމަނާއެއް ވަނީ އަރާފައެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި އެރި 74,800 ރުފިޔާއާއެކު މިހާރު ކައުންސިލަށް ދައްކަންޖެހޭ ޖުމްލަ އަދަދު 2,074,800 ރުފިޔާއަށް އަރައެވެ.
މި ފައިސާ ދައްކަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 10 ޖަނަވަރީ 2024 އެވެ. ފައިސާ ދެއްކުމަށް ކައުންސިލުން އެކި ފަހަރުމަތިން އެންގި ނަމަވެސް، 19 ޖަނަވަރީ 2025 އާ ހަމައަށްވެސް މި ފައިސާ ދައްކާފައި ނުވާތީ، އޮޑިޓް އޮފީހުގެ ލަފާގެ މަތިން ކައުންސިލުން މިހާރު ވަނީ ޖޫރިމަނާއާއެކު ފައިސާ ހޯދުމަށް މި މައްސަލަ ޝަރުޢީ ކޯޓަށް ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ