ޣައްޒާއަށް ހަމަލާދީ 9 މީހުން ޝަހީދުކޮށްލައިފި

ޣައްޒާއަށް ހަމަލާދީ 9 މީހުން ޝަހީދުކޮށްލައިފި

Author
އަހުމަދު
04 ޖޫން 2026 10:52
0

ސުލްޙައިގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ޣައްޒާއަށް ދިން އާ ވައިގެ ހަމަލާތަކެއްގައި ފަލަސްޠީނުގެ މަދުވެގެން 9 މީހުން ޝަހީދުވެ، ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އައްޝިފާ ހޮސްޕިޓަލުގެ މަސްދަރަކުން ބުނި ގޮތުގައި މި މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގައި މީހުން ދިރިއުޅޭ ހަތަރު އެޕާޓްމަންޓަކަށް އިސްރާއީލުން ދިން ހަމަލާތަކެއްގައެވެ.

ބުދަ ދުވަހުގެ ކުރީކޮޅު، އިސްރާއީލުގެ ބޮމުގެ ހަމަލާތަކެއްގައި އަންހެނަކު ހިމެނޭ ގޮތަށް އިތުރު ހަތަރު ފަލަސްޠީނު މީހުން ވަނީ ޝަހީދުވެފައެވެ.

މެދުތެރޭ ޣައްޒާގެ އަލްމަޣާޒީ ކޭމްޕުގައި ހުރި ގެއަކަށް އިސްރާއީލުގެ ޑްރޯނަކުން ދިން ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެ އެހެން ބަޔަކު ޒަޚަމްވެފައިވާއިރު، އަލްމުޣްރަޤާ ސަރަޙައްދަށް ދިން ޑްރޯން ހަމަލާއެއްގައި އިތުރު ފަލަސްޠީނު މީހަކު ޝަހީދުވެފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

މީގެ އިތުރުން، ޚާން ޔޫނިސްގެ މަވާސީ ސަރަޙައްދަށް މީގެ ކުރިން އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ލިބުނު ބޮޑެތި ޒަޚަމްތަކަކަށް ފަރުވާ ހޯދަމުންދިޔަ އަންހެނަކު ޝަހީދުވެފައިވާ ކަމަށް ނާސިރު ހޮސްޕިޓަލުން ވަނީ އިޢުލާންކޮށްފައެވެ.

**ފުޅާ ދާއިރާއެއްގައި އިމާރާތްތައް ތަޅާލުން**

އިސްރާއީލުގެ ބޮމުގެ ހަމަލާތަކާ އެކުއެކީގައި، އެ މީހުންގެ ބާރުގެ ދަށުގައިވާ އުތުރާއި ދެކުނުގެ ސަރަޙައްދުތަކުގައި އިސްރާއީލު ސިފައިން ދަނީ ފުޅާ ދާއިރާއެއްގައި އިމާރާތްތައް ތަޅާލުމުގެ މަސައްކަތްތައް ކުރަމުންނެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގެ އިރުމަތީގައި މަދުވެގެން 10 އިމާރާތަކާއި ތަންތަން އިސްރާއީލު ސިފައިން ވަނީ ތަޅާލާފައެވެ. އަދި ޣައްޒާ ސިޓީގެ އިރުމަތީ އަވަށްތަކުގައިވެސް ދެ އިމާރާތެއް ވަނީ ތަޅާލާފައެވެ.

8 އޮކްޓޯބަރ 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ދެ އަހަރުގެ ޤަތުލުއާންމުގައި، ގާތްގަނޑަކަށް 73،000 ފަލަސްޠީނު މީހުން ޝަހީދުވެ، 173،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އެ ސަރަޙައްދުގެ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ހަލާކުކޮށްލާފައެވެ.

10 އޮކްޓޯބަރ 2025 ގައި އިޢުލާންކުރި ސުލްޙައިގެ އެއްބަސްވުމާ އެކުވެސް، އިންސާނީ އެހީ ވެއްދުމަށް ހުރަސްއަޅައި، ކޮންމެ ދުވަހަކު ބޮމުގެ ހަމަލާތައް ދެމުން އިސްރާއީލުން ގެންދެއެވެ. މި ހަމަލާތަކުގައި އޭގެ ފަހުން 936 ފަލަސްޠީނު މީހުން ޝަހީދުވެ، 2,903 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައިވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.