ވެރިކަންކުރާ ޕީއެންސީން އަންނަ އޮކްޓޯބަރު މަހު ބާއްވަން ކުރިން ތާވަލުކުރި އެ ޕާޓީގެ ކޮންގްރެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހުށަހެޅުއްވުމަކަށް އަވަސްކުރަން ނިންމައިފިއެވެ.
ރޭ ބޭއްވި ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިގޮތަށް ފާސްކޮށްފައިވަނީ އެ މަޖިލީހުގެ މެންބަރުންގެ އިއްތިފާގުންނެވެ. ރައީސް ޑރ. މުޢިއްޒު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ކޮންގްރެސް އަވަސްކުރުމަށް އެމަނިކުފާނު ހުށަހެޅުއްވުމުން، އެކަމަށް ވަނީ ރުހުން ދީފައެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ސޯޝަލް މީޑިއާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުންތައް ކުރިއަށް އޮތް ތަނުގައި ކައިރިކައިރީގައި ބާއްވަމުން ގެންދާނެ ކަމަށެވެ. އަދި މުޅި ޕާޓީ މިހާރު ދަނީ ކޮންގްރެސްއަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކޮންގްރެސް އަވަސްކުރަން ނިންމި ނަމަވެސް، އެ ބާއްވާނެ ސީދާ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ޕީއެންސީގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލް ވިދާޅުވީ، ކޮންގްރެސް ބާއްވާނެ ތާރީޚެއް ޕާޓީން ފަހުގެ ވަގުތެއްގައި އިޢުލާން ކުރާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ