އައްޑޫ ސިޓީ ކައުންސިލުން މައްސަލަ ހުރިކަން އެނގި ތިބެ، ހިތަދޫ އަވަށު އޮފީހަށް ބޭނުންވާ ޕިކަޕެއް ހޯދުމަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
މި މުޢާމަލާތަކީ ފެންވަރު ނުބަލައި ތަކެތި ބަލައިގަނެ، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ކަމެއްކަން އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ފުރަތަމަ 395,000 ރުފިޔާއަށް ސަޕްލައިކުރި ޕިކަޕުގައި މައްސަލަ ހުރެގެން އެއްބަސްވުން ބާޠިލުކުރުމަށްފަހު، ދެވަނަ ފަހަރަށް 345,000 ރުފިޔާއަށް ހުށަހެޅީވެސް ހަމަ ކުރިން މައްސަލަ ހުރެގެން އަނބުރާ ފޮނުވާލި އުޅަނދެވެ.
އެއްވެސް އިންސްޕެކްޝަނެއް ހެދުމަކާ ނުލައި މާރިޗު 15، 2024 ގައި ކައުންސިލުން މި ޕިކަޕާ ހަވާލުވިއެވެ. އޭގެ 12 ދުވަސް ފަހުން ހެދި އިންސްޕެކްޝަނުން އެއީ މުނިސިޕަލް މަސައްކަތަށް އެކަށީގެންނުވާ އުޅަނދެއްކަން ކަށަވަރުވުމުން، އެ ބަދަލުކުރަން ކައުންސިލުން އެންގިއެވެ. ނަމަވެސް ބަދަލުގައި ގެނައި ދެވަނަ ޕިކަޕުގައިވެސް ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަވެފައެވެ.
މިކަންކަން މިހެން ހުރި ނަމަވެސް، އެ މައްސަލަތައް ޙައްލުކުރުމެއް ނެތި އަދި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ ކެނޑުމެއްވެސް ނެތި، ޖުލައި 2، 2024 ގައި ކޮންޓްރެކްޓަރަށް އެއްބަސްވުމުގެ ޖުމުލަ އަގު ވަނީ ދޫކޮށްފައެވެ. ފައިސާ ދޫކުރުމަށްފަހު، ޖުލައި 30 ގައި ހިތަދޫ އޮފީހާ ޕިކަޕް ހަވާލުކުރިއިރުވެސް އޭގައި ގިނަ މައްސަލަތަކެއް ހުރިކަން އޮޑިޓުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ