އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތް ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. ހަލީލުއް ރަހުމާނަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ، ޑރ. ހަލީލުއް ރަހުމާންގެ އާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި އޭނާގެ ގާބިލު ރިޔާސަތުގެ ދަށުން، އދ. ގެ އާންމު މަޖިލީހަކީ ހުރިހާ މެންބަރު ގައުމުތަކަށްވެސް މުހިއްމު މަންސައެއްގެ ގޮތުގައި ދެމިއޮންނާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މުހިއްމު މަގާމަށް ބަންގްލަދޭޝްގެ ބޭފުޅަކު އިންތިހާބުވުމަކީ އެ ގައުމުގެ ރައްޔިތުންނަށާއި މުޅި މި ސަރަހައްދަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއްކަމަށް އެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަކީ ކޮންމެ އަހަރަކު ދުނިޔޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން، ދައުރުވާ އުސޫލުން އިންތިހާބުކުރާ މަގާމެކެވެ. މިއަހަރުގެ ރިޔާސަތު ހާއްސަކޮށްފައިވަނީ އޭޝިއާ-ޕެސިފިކް ސަރަހައްދަށެވެ. އާންމުގޮތެއްގައި މި މަގާމަށް ބޭފުޅުން އިންތިހާބުކުރަނީ މެންބަރު ގައުމުތަކުގެ އިއްތިފާގުންނެވެ.
ކޮމެންޓު ފޮނުވާ