ރާއްޖެއަށް 10 ކިލޯގެ ޑްރަގް އެތެރެކުރި ޕާކިސްތާނު މީހަކު އުމުރަށް ޖަލަށްލައިފި

ރާއްޖެއަށް 10 ކިލޯގެ ޑްރަގް އެތެރެކުރި ޕާކިސްތާނު މީހަކު އުމުރަށް ޖަލަށްލައިފި

Author
އަހުމަދު
01 ޖޫން 2026 09:11
0

ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނުގެ ރައްޔިތެއްކަމަށްވާ ހަމްޒާ ނައީމް އުމުރަށް ޖަލަށްލުމާއެކު ލައްކައަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް މި ހުކުމް އައިސްފައިވަނީ 5 ޖޫން 2023 ގައި ދުބާއީ މަގުން ރާއްޖެ އައި ފްލައިޓަކުން އޭނާ ގެނައި ރަތްކުލައިގެ ޓްރޯލީ ބޭގެއްގެ ފުލުގައި ދަގަނޑު ރިވެޓް ޖަހައި "ފޯލްސް ބޮޓަމް" އެއް ހަދައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 10 ކިލޯގެ ޑައިމޯފިން ކަސްޓަމްސްއިން އަތުލައިގަތުމާ ގުޅިގެންނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުވެގެން ފޮށި ފާސްކުރުމުގެ ތެރޭގައި ފެނުނު މި މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ ޞަފްވަތު ޙަބީބު ކުރެއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، އެ ފޮށްޓަކީ އޭނާއާ އެކު ދަތުރުކުރި އެހެން މީހެއްގެ އެއްޗެއްކަމަށް ބުނެ ހަމްޒާ ނައީމް ޝަރީއަތުގައި ދިފާއުވި ނަމަވެސް، އެ ފޮށީގައި އޭނާގެ ނަމުގައި ޓެގް އަޅުވާފައިވާތީ އެ ދިފާއު ބަލައިގަނެވެން ނެތް ކަމަށެވެ. އަދި ދައުލަތުން އުފުލި ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކުށުގެ އަދަބެއްގެ ގޮތުން 25 އަހަރަށް (އުމުރަށް) ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި 2 އަހަރާއި 11 މަހާއި 14 ދުވަސް އުނިކުރުމަށްފަހު އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ 22 އަހަރާއި 14 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން ކޮށްފައިވާ އެއްލައްކަ ރުފިޔާގެ ޖޫރިމަނާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ކޯޓުން ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.