އާންމު ސިއްހަތާއި ރައްކާތެރިކަމުގެ ޚިދުމަތްތައް ވަގުތީގޮތުން މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަށް ވަނީ ބަދަލުކޮށްފައެވެ.
ދަމަނަވެއްޓަކީ ކުޑަކުދިންގެ ހެދިބޮޑުވުމާއި، ބަރުދަން ބެލުމާއި އަދި ވެކްސިން ދިނުން ފަދަ ޚިދުމަތްތައް ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ތަނެކެވެ.
ހެލްތު މިނިސްޓްރީން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި އިމާރާތާއި މިހާރު ދަމަނަވެށި ހިންގަމުންދާ އިމާރާތުގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރެއް ގާއިމުކުރުމަށް ނިންމުމާ ގުޅިގެން އެތަން ބަންދުކުރަމުންދާ ކަމަށެވެ. އަދި އެތަނުން ދެމުންދިޔަ ޚިދުމަތްތައް ވަގުތީގޮތުން އެހެން ތަންތަނަށް ބަދަލުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި ޚިދުމަތްތައް ބަދަލުކުރެވޭނީ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރާއި، ހުޅުމާލޭ ޕަބްލިކް ހެލްތު ޔުނިޓް އަދި ޖީޕީ ކްލިނިކަށެވެ.
އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އައިޖީއެމްއެޗުން މިހާރު ވަނީ ހޯމަ ދުވަހުން ފެށިގެން ދަމަނަވެށީގެ ހުރިހާ ޚިދުމަތްތަކެއް މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަށް ބަދަލުކޮށްފައެވެ.
އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ (ޔޫޕީއެޗްސީ) އަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ޖެނެރަލް ޕްރެކްޓިސް ކްލިނިކެއްގެ އިތުރުން ކުޑަކުދިންގެ ސިއްހަތާބެހޭ ކްލިނިކެއްގެ ގޮތުގައި ހިންގާ ތަނެކެވެ.
މި ސެންޓަރު ޖެނެރަލް ޕްރެކްޓިސް ކްލިނިކަކަށް ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ރަސްފަންނު ސަރަހައްދުގައި ފެށި ކޯރަލް ބޮލެވާޑް އިމާރާތުގައެވެ.
ކޮމެންޓު ފޮނުވާ