އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން ވަނީ ބައްސާމްގެ އަމިއްލަ ބޭންކް އެކައުންޓަށް 29،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައެވެ. ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މެދުވެރިވެގެން ޖަމާކުރި މި ފައިސާ، ބައްސާމް އޭނާގެ އަމިއްލަ ބޭނުންތަކަށް ހޭދަކޮށްފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފައެވެ.
މީގެ އިތުރުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ މުއާމަލާތްތަކުގައި ބައްސާމް ބައިވެރިވެފައިވާކަމާއި، ބައެއް އެއްބަސްވުންތަކުގައި ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި އޭނާ ސޮއިކޮށްފައިވާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.
މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ބައްސާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާއިރު، އެހެން މައްސަލަތަކެއްގައި ސާބިތުވި ކުށްތަކަކާ ގުޅިގެން އޭނާ މިހާރު ވެސް ގެންދަނީ ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ