އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 72،939 އަށް އަރައިފި ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 172،927 މީހުން ވަނީ ޒަހަމްވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި އެކަކު ޝަހީދުވެ، އަށް މީހަކު ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު "ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް" އެއްބަސްވި މުއްދަތުގެ ތެރޭގައިވެސް އިސްރާއީލުން ދިން އުދުވާނީ ހަމަލާތަކުގައި 930 މީހުން ޝަހީދުކޮށް، 2،819 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މި ގަތުލުއާންމުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ޝަހީދުވަމުންދާއިރު، މުޅި ޣައްޒާ ވަނީ ސުންނާފަތިވެ، ބޮޑުވެގެންވާ އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ.
ކޮމެންޓު ފޮނުވާ