އިތުބާރު ނެތްކަމުގެ ވޯޓަށް އެހުމުގެ ކުރިން ނާޒިމް ނައިބު ރައީސްކަމުން އިސްތިއުފާދެއްވައިފި

އިތުބާރު ނެތްކަމުގެ ވޯޓަށް އެހުމުގެ ކުރިން ނާޒިމް ނައިބު ރައީސްކަމުން އިސްތިއުފާދެއްވައިފި

Author
އަހުމަދު
31 މެއި 2026 10:11
0

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނާޒިމް އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ މީސްމީޑިއާގެ މަންސައެއް ކަމަށްވާ "އެކްސް" ގައި އޭނާ އާންމުކުރެއްވި ބަޔާނެއްގައެވެ. އޭނާ ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ، އޭނާ މަގާމުން ވަކިކުރުމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ހުރިހާ މެންބަރުން ސޮއިކުރައްވާފައިވާތީ، ޑިމޮކްރެސީގެ ރިވެތި އުސޫލުތަކަށް އިހުތިރާމް ކުރުމުގެ ގޮތުންނާއި އެއީ އެންމެ ތަހުޒީބީ ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

އިސްތިއުފާ ދެއްވި ނަމަވެސް، ނާޒިމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެ ބަޔާނުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް އޭނާ ހިންގަވާފައެއް ނުވާނެއެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނެތްކަމަށާއި، ނައިބު ރައީސްގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އަދާކުރެއްވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅީ ޕީއެންސީންނެވެ. މި މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ހެނދުނު 9:00 އަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރި ނަމަވެސް، ޖަލްސާ ފެށުމާއެކު މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ ވަނީ ނާޒިމް އިސްތިއުފާ ދެއްވާފައިވާކަން މަޖިލީހަށް އިއުލާނުކުރައްވާފައެވެ. މަގާމުން ދުރަށް ވަޑައިގަތް ނަމަވެސް، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.