ބަންގްލަދޭޝް ބަލިކޮށް، ރާއްޖޭގެ ޒުވާން ބާސްކެޓް ޓީމުން ސާބާ މުބާރާތުގެ ލޯ މެޑަލް ހޯދައިފި

ބަންގްލަދޭޝް ބަލިކޮށް، ރާއްޖޭގެ ޒުވާން ބާސްކެޓް ޓީމުން ސާބާ މުބާރާތުގެ ލޯ މެޑަލް ހޯދައިފި

Author
އަހުމަދު
30 މެއި 2026 09:42
0

ސްރީ ލަންކާގައި ބޭއްވި ސާބާ 18 އަހަރުން ދަށުގެ ކޮލިފަޔާސްގައި ބަންގްލަދޭޝް ބަލިކޮށް ރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ ޓީމުން މުބާރާތުގެ ތިންވަނަ މަގާމާއެކު ލޯ މެޑަލް ކާމިޔާބުކޮށްފިއެވެ.

ކޮލަމްބޯގެ ސުގަތަދާސާ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު ތިންވަނަ ހޮވި މެޗު ރާއްޖެއިން ކާމިޔާބުކުރީ 62-59 ޕޮއިންޓުގެ ހަނި ތަފާތަކުންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ރާއްޖެއިން ލީޑު ނެގިއިރު، އެ ކުއާޓަރު ނިމުނީ 20-12 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ. ބަންގްލަދޭޝްއިން ފަހަތުން އަރައި ޕްރެޝަރު ކުރި ނަމަވެސް، ރާއްޖެއިން ވަނީ ލީޑު ގެއްލުނަނުދީ ހިފަހައްޓާފައެވެ. މި މެޗުގައި ރާއްޖޭގެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 19 ޕޮއިންޓް އެއްކުރި އިސްމާއިލް ޒުއިޒް މުހައްމަދު ޒިލާލް އެވެ.

މި މުބާރާތުގައި ޖުމްލަ ހަތަރު ގައުމަކުން ވާދަކުރިއިރު، ލީގު ބުރުގައި ރާއްޖެ ވަނީ އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލަދޭޝް އަތުންވެސް ބަލިވެފައެވެ. ނަމަވެސް ލީގު ބުރުގައި ބަންގްލަދޭޝް އަތުން 88-48 އިން ބަލިވި ނަމަވެސް، ފަހު މެޗުގައި ރާއްޖެއިން މިވަނީ ކުޅުން ރަނގަޅުކޮށް މުހިންމު މޮޅެއް ހޯދާފައެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފައިނަލުގައި ސްރީ ލަންކާ ބަލިކޮށް ހޯދީ އިންޑިއާއިންނެވެ.

މީގެ އިތުރުން ސާބާ ކޮލިފަޔާސްގެ އަންހެން ޑިވިޝަނުގައިވެސް ރާއްޖެއިން ވާދަކުރިއެވެ. ތިން ގައުމު ވާދަކުރި އަންހެން ޑިވިޝަނުގައި ރާއްޖެ ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. ފިރިހެން ޑިވިޝަނެކޭ އެއްގޮތަށް އަންހެން ޑިވިޝަނުގެ ތަށިވެސް އުފުލާލީ ފައިނަލުގައި ލަންކާގެ މައްޗަށް ކުރިހޯދި އިންޑިއާއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.