ހަނގުރާމަ މެދުކަނޑާލުމަށް އީރާނާއި އެމެރިކާއިން އެކުލަވާލި އެއްބަސްވުމުގެ މުއްދަތު 60 ދުވަހަށް އިތުރުކޮށް، ދާއިމީ ސުލްހައެއް ގާއިމުކުރުމުގެ އެމްއޯޔޫއަކަށް ދެ ގައުމުން މިހާރު އެއްބަސްވެއްޖެ އެވެ. ނަމަވެސް މި އެއްބަސްވުން ރަސްމީކުރުމަށްޓަކައި މިހާރު އިންތިޒާރުކުރަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަހު ބަހަކަށެވެ.
"އެކްސިއޯސް" އަދި "އޭއެފްޕީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެމްއޯޔޫގެ ދަށުން ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުން އިތުރަށް ދިގުދަންމާލުމަށާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ދެ ގައުމުން ކުރެ ގައުމަކުން އަދި މިކަން ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް، އީރާނަށް ބޭނުންވާ ހުއްދަތައް ލިބި، އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރަށް އޮތް ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
މިއީ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ލިބުނު އެންމެ ބޮޑު ޑިޕްލޮމެޓިކް ކުރިއެރުމެވެ. މި އެއްބަސްވުމުގެ އެންމެ ފަހުގެ ތަފްސީލުތައް ރައީސް ޓްރަމްޕާ ހިއްސާކޮށްފައިވާއިރު، މިކަމާ މެދު ވިސްނާލުމަށް ދެތިން ދުވަސް ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވަނީ މެދުވެރިންނަށް އަންގަވާފަ އެވެ.
މި އެމްއޯޔޫއަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމާއި، އެކި ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިއަން ޑޮލަރެއް ދޫކޮށްލުން ހިމެނެ އެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށާއި، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމާއި، މިހާރު ހުރި ޔުރޭނިއަމް ރިޒާވް ނައްތާލުމާ ގުޅޭގޮތުން ފަހުގެ މަރުހަލާއެއްގައި މަޝްވަރާކުރަން އީރާނުން އެއްބަސްވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ. މި އެއްބަސްވުމާ މެދު އުންމީދު އާވެފައިވީ ނަމަވެސް، މި ފަހުން ދެ ގައުމުގެ ދެމެދުގައި ވަރުގަދަ ހަމަލާތަކަކާއި އިންޒާރުތަކެއް ބަދަލުކުރެވިފައިވާކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓު ފޮނުވާ