ޣައްޒާގައި އިޒްރޭލުން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި، ހަމާސްގެ އާ އަސްކަރީ ވެރިޔާ މުހައްމަދު އޫދާ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އަންގާރަ ދުވަހު ދިން މި ހަމަލާގައި އޫދާގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި ދަރިފުޅުވެސް ޝަހީދުކޮށްލާފައިވާކަން އޭނާގެ އާއިލާއިން ވަނީ ރޮއިޓާސްއަށް ކަށަވަރުކޮށްދީފައެވެ. އޫދާގެ ކަށުނަމާދު މިއަދުގެ މެންދުރު ނަމާދަށްފަހު ޣައްޒާ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ހާދިސާއާ ގުޅިގެން ހަމާސް ޖަމާއަތުން އަދި ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
އިޒްރޭލުން މައުލޫމާތު ދޭ ގޮތުގައި، އޫދާއަކީ މީގެ ކުރިން ހަމާސްގެ އިންޓެލިޖެންސް ޑިވިޝަންގެ އިސްވެރިޔާއެވެ. އޭނާ ހަމާސްގެ އަސްކަރީ ކޮމާންޑަރުގެ މަގާމާ ހަވާލުވެވަޑައިގަތީ، މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އިޒްރޭލުން ދިން ހަމަލާއެއްގައި އޭރުގެ ކޮމާންޑަރު އިއްޒުއްދީން އަލް-ހައްދާދު އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ލުބުނާނުގައި ހިންގާ އޮޕަރޭޝަންތައްވެސް މިހާރު ވަނީ ފުޅާކޮށްފައެވެ. ޣައްޒާގެ ސިއްހީ އޮފިޝަލުންގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 72،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު އަމަލުކުރަން ފެށި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަށްފަހު އިޒްރޭލުން ދިން ހަމަލާތަކުގައި އެކަނިވެސް 900 އެއްހާ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
ކޮމެންޓު ފޮނުވާ