ރާއްޖެއިން ހިމަބިހީގެ އިތުރު ދެ މީހަކު ފެނި، ޖުމްލަ އަދަދު ނުވަޔަކަށް

ރާއްޖެއިން ހިމަބިހީގެ އިތުރު ދެ މީހަކު ފެނި، ޖުމްލަ އަދަދު ނުވަޔަކަށް

Author
އަހުމަދު
26 މެއި 2026 08:08
0

ރާއްޖެއިން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހި ބައްޔަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެ، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ނުވަޔަކަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކުރި ގޮތުގައި، އަލަށް ޕޮޒިޓިވްވި ދެ މީހުންނާއެކު މި މަހުގެ ތެރޭގައި އެކަނިވެސް ހަ މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. މި ކޭސްތަކާ ގުޅިގެން، ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް (ކޮންޓެކްޓް ޓްރޭސިން) އެ އިދާރާއިން މިހާރު އަންނަނީ ކުރަމުންނެވެ.

ހިމަބިހީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުން ހިމެނެއެވެ. މިއީ އާންމު ރޯގާތަކުގައިވެސް ފެންނަ އަލާމާތްތަކެއް ނަމަވެސް، ހިމަބިހީގައި ހާލަތު ގޯސްވެއްޖެނަމަ ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ފަދަ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ.

މި ބަލިން ރައްކާތެރިވުމަށް ރާއްޖޭގައި އާންމުކޮށް ދެމުން އަންނަނީ ވެކްސިންގެ ދެ ޑޯޒެކެވެ. އެގޮތުން ކުއްޖާއަށް ނުވަ މަސް ފުރޭއިރު ފުރަތަމަ ޑޯޒް ދޭއިރު، ދެވަނަ ޑޯޒް ޖަހަނީ ކުއްޖާއަށް ދޮޅު އަހަރު ފުރުމުންނެވެ.

ރާއްޖޭގައި މި ބަލީގެ ކޭސްތަކެއް ފެނިފައިވާއިރު، މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަވަށްޓެރި ގައުމުތަކުގައިވެސް ހިމަބިހި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.