ބިދޭސީއަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ބިދޭސީއަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Author
އަހުމަދު
26 މެއި 2026 08:40
0

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ މާރިޗު މަހުގެ ފަހުކޮޅު ފުލުހުންނަށް ހުށަހެޅުނު މި މައްސަލައިގައި ރަހީނުކުރި މީހާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ވިލިމާލޭގައި ހުއްޓައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، ބިރުދެއްކުމާއި، ރަހީނުކުރުމުގެ އިތުރުން މާރާމާރީ ހިންގުމުގެ ކުށެވެ.

މި މައްސަލައިގައި ހިމެނޭ ފަސް މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދު ނުކުރާ ހަމައެކަނި މީހަކީ އެމްޑީ ހޮސައިންއެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް އިތުރުކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި ގިނަ ބަޔަކު ބައިވެރިވެގެން ހިންގި މި އަމަލުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އޭނާއެވެ. ފުރަތަމަ އޭނާ ވަނީ ޕާސްޕޯޓުތަކެއް އަނބުރާ ނުދިނުމުގެ ސަބަބުން މާރާމާރީ ހިންގި ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް ފަހުން ބަންދު މުރާޖައާކުރަން ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރި އަނެއް ހަތަރު މީހުން ކަމަށްވާ ރަސަލް، އެމްޑީ މެހެދި ހަސަން، ސާފިފް ހަސަން އަދި އެމްޑީ ޝާ އަލަމް ވަނީ، އެމީހުން މާރާމާރީ ހިންގި ސަރަޙައްދުގައި ތިބި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާކޮށް މާރާމާރީ ހިންގާފައި ނުވާނެ ކަމަށް ކޯޓުގައި ބުނެފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.