ޣައްޒާގެ ރައްޔިތުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޔަހޫދީންގެ ބޮޑެތި ހުރަސްތަކެއް

ޣައްޒާގެ ރައްޔިތުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޔަހޫދީންގެ ބޮޑެތި ހުރަސްތަކެއް

Author
އަހުމަދު
25 މެއި 2026 10:46
0

ޔަހޫދީންގެ ހަރުކަށި ފިޔަވަޅުތަކާއި ސަރަޙައްދީ ރޮނގުތައް ބަންދުކުރުމުގެ ސަބަބުން، ޣައްޒާގެ އެތައް ހާސް މުސްލިމުންނަކަށް މި އަހަރުވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ.

ޣައްޒާގެ އަވްޤާފް އަދި ދީނީ ކަންތައްތަކާ ގުޅޭ ވުޒާރާއިން މަޢުލޫމާތު ދޭގޮތުގައި، ރަފަޙް ބޯޑަރު ބަންދުކޮށްފައި އޮތުމުން ފާއިތުވި ތިން އަހަރު އެކަނިވެސް 10،000 އަށްވުރެ ގިނަ މީހުންނަށް ޙައްޖަށް ނުދެވި އެބަތިއްބެވެ. އަދި އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި، މީގެ ކުރިން ޙައްޖަށް ދިޔުމަށް ހޮވިފައިވާ 71 މީހަކު ވަނީ ޝަހީދުވެފައެވެ. 2007 ވަނަ އަހަރުން ފެށިގެން ޣައްޒާއަށް ވަދެނިކުތުން ޔަހޫދީން ކޮންޓްރޯލް ކުރަމުންދާއިރު، ޣައްޒާއިން މިޞްރަށް ހުރަސްކުރަން އޮންނަ މައި މަގު ކަމަށްވާ ރަފަޙް ހުރަސް މިހާރު އޮތީ އެއްކޮށްހެން ބަންދުކޮށްފައެވެ.

މި ހަނގުރާމައާއި ޙަމަލާތަކުގެ ސަބަބުން ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ 78 ކުންފުންޏެއްގެ ހިންގުން ހުއްޓި، 1،500 މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ޕަލަސްޓީނިއަން ސެންޓަރ ފޮރ ޕޮލިޓިކަލް ސްޓަޑީޒް (ޕީސީޕީއެސް) އިން ބުނާގޮތުގައި، މިއީ ޔަހޫދީން ގަސްތުގައި އެ ދާއިރާ ނައްތާލުމަށް ދެމުންދާ ގެއްލުންތަކެކެވެ. މިކަމުގެ ސަބަބުން 4 މިލިޔަން ޑޮލަރުގެ ގެއްލުން ލިބިފައިވާއިރު، މިއީ ހަތަރުވަނަ ޖެނީވާ މުއާހަދާއާއި މަދަނީ އަދި ސިޔާސީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދަތުރުފަތުރުކުރެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތުމުންނާއި މަގުތައް ބަންދުވެފައި އޮތުމުން، ޙައްޖަށް މީހުން ގެންދިޔުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ ނުކުޅެދިފައެވެ. މިކަމާ ގުޅިގެން ޣައްޒާގެ ދީނީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޔަހޫދީންގެ މި ޢަމަލުތައް ހުއްޓުވައިދީ، ޣައްޒާގެ ރައްޔިތުންނަށް ޙައްޖަށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށާއި، ޚާއްޞަކޮށް ސަޢުދީ ޢަރަބިއްޔާއާއި މިޞްރަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.