އީރާނުގެ ޔުރޭނިއަމް ދޫކޮށްލުމުގެ ބަދަލުގައި، ހިފަހައްޓާފައިވާ 25 ބިލިއަން ޑޮލަރު ދޫކުރަން އެމެރިކާއިން އެއްބަސްވެއްޖެ

އީރާނުގެ ޔުރޭނިއަމް ދޫކޮށްލުމުގެ ބަދަލުގައި، ހިފަހައްޓާފައިވާ 25 ބިލިއަން ޑޮލަރު ދޫކުރަން އެމެރިކާއިން އެއްބަސްވެއްޖެ

Author
އަހުމަދު
24 މެއި 2026 07:36
0

އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކް ދޫކޮށްލުމަށް އެއްބަސްވުމުން، ބޭރުގެ ބޭންކުތަކުގައި ގަނޑުކޮށްފައިވާ އީރާނުގެ ފައިސާ ދޫކުރުމަށް އެމެރިކާއިން ނިންމައިފިއެވެ.

ނިއު ޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 14 މާއްދާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގެ ދަށުން ބޭރު ގައުމުތަކުގައި ހުރި އީރާނުގެ 25 ބިލިއަން ޑޮލަރު ފިޔަވަހިތަކަކަށް ބަހާލައިގެން ދޫކުރާނެއެވެ. މީގެ އިތުރުން، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ހުރަސްތައް ނައްތާލުމަށާއި، އީރާނުން ހޯރްމުޒް ކަނޑުއޮޅި ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވާލުމަށް ވެސް ވަނީ އެއްބަސްވެފައެވެ. މިކަމުގެ ސަބަބުން ތިން މަސް ދުވަހަށް ދެމިގެންދިޔަ ހަނގުރާމައާއި ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް، ޔުރޭނިއަމްއާ މެދު ދެ ގައުމުން ގެންގުޅެނީ ތަފާތު ވިސްނުމެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުން 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެމެރިކާއިން ނައްތާލާނެ ކަމަށެވެ. އެހެންނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ ނިއުކްލިއާ މައްސަލައަކީ މި އެއްބަސްވުމުގައި ހިމެނޭ ކަމެއް ނޫން ކަމަށާއި، އެކަމާ މަޝްވަރާ ކުރެވޭނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށެވެ.

މި އެއްބަސްވުމާ ގުޅިގެން އެމެރިކާގެ އެތެރެއިންނާއި ބޭރުން ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަނީ މިއީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑަށް ފައިސާ ދިނުން ފަދަ ކަމެއް ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި މަޝްވަރާތަކުން ބާކީކޮށްފައިވާއިރު، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދެކޭ ގޮތުގައި މިއީ އީރާނުގެ ނިއުކްލިއާ ގާބިލްކަން ހުއްޓުވުމަށް ލިބޭ މުހިންމު ފުރުސަތެއް ގެއްލިގެންދާނެ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.