ރާއްޖޭގައި ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ، އެ ބަލީގެ އަލާމާތްތައް ހުންނަ މީހުންނަށް އަވަހަށް ފަރުވާ ދިނުމަށްޓަކައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފިއެވެ.
އައިޖީއެމްއެޗްގެ މެއިން އީއާރްގެ އެމްބިއުލާންސް ޕޯޓިކޯ ކައިރީގައި ހަދާފައިވާ މި ޑެސްކުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ޚިދުމަތް ލިބޭނެއެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ހަތް ކޭހެއް ފެނިފައިވާއިރު، 74 އަށްވުރެ ގިނަ ކޮންޓެކްޓުން ވަނީ ދެނެގަނެވިފައެވެ. އެހެންކަމުން، ހުމާއެކު ރަތްބިހި ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް މި ޑެސްކަށް ރިޕޯޓުކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ރޭގަނޑު 11:00 ގެ ފަހުންނަމަ ބޮޑެތި މީހުންނާއި މާބަނޑު މީހުން މެއިން އީއާރްގެ ޓްރައޭޖަށް، އަދި ކުޑަކުދިން ކުޑަކުދިންގެ އީއާރްގެ ޓްރައޭޖަށް ދިއުމަށް އައިޖީއެމްއެޗުން އިރުޝާދުދެއެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، އަލާމާތްތައް ހުންނަ މީހުން ހޮސްޕިޓަލަށް އަންނައިރު މާސްކު އެޅުމަށާއި، ބަލިމީހާއާއެކު ވީހާވެސް މަދު އެހީތެރިން އައުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ހިމަބިހި ޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އަޅާއިރު ފެތުރޭ މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ލޯ ރަތްވުމުގެ އިތުރުން ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ މިފަދަ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ނަސޭހަތްތެރިވެފައެވެ. ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމަކަށް ވީނަމަވެސް، އޭގެ ފަހުންވެސް ދޭތެރެ ދޭތެރެއިން މި ބަލީގެ ކޭސްތައް ރާއްޖެއިން ފެންނަމުންދެއެވެ.
ކޮމެންޓު ފޮނުވާ